ފަރެސްމާތޮޑާ އެއާޕޯޓުގެ ސަބަބުން އިގްތިސާދީ އެތައް މަންފާއެއް ލިބޭނެ ކަމަށާއި، އިޖްތިމާއީ ހަމަޖެހުން ފަރެސްމާތޮޑާ ސަރަހައްދަށް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިރޭ ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އެއާޕޯޓުގައި މިހާރުވެސް ޒުވާނުން އަދާކުރާ ވަޒީފާތަކާއި އެކު އިގްތިސާދީ އެތައް މަންފާއެއް ކުރަމުން ދާ ކަމަށެވެ. އަދި މީގެ ކުރިން ނެތް ވަޒީފާތަކެއް އުފެދިއްޖެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެއާޕޯޓާއި އެކު ފަރެސްމާތޮޑާ ސަރަހައްދުގައި ލޯންޗް ދަތުރުތައް އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށާއި، ޓެކްސީގެ ހިދުމަތް ފުޅާވާނެ ކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ހޮޓާ ރެސްޓޯރެންޓާއި އެހެނިހެން ވިިޔަފާރިވެސް އެ ސަރަހައްދުގައި އިތުރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު ފަރެސްމާތޮޑާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި 1:15 މިނިޓަށް ކައިރިކޮށްދެވިއްޖެ ކަމަށާއި، މިއީ ހުވަދުއަތޮޅުގައި ގެސްޓްހައުސްގެ ވިޔަފާރީގެ އުންމީދުގައި ތިބި ފަރާތްތަކަށް ރަނގަޅު ފުރުސަތެއް ކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ އެފަދަ ފަރާތްތަކަށް މިހާރު މިއޮތީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި ލަސްނުކުރައްވާ އަވަހަށް ގެސްޓްހައުސް ވިޔަފާރި ފެއްޓެވުމަށް އެފަދަ ފަރާތްތަކަށް ރައީސް ގޮވާލެއްވިއެވެ.
ފަރެސްމާތޮޑާގެ އެއާޕޯޓާއި އެކު އެރަށަށް ބަދަލުތައް އަތުވެއްޖެކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެއާޕޯޓް މަޝްރޫއާއެކު ފަރެސްމާތޮޑާގެ ކަރަންޓް ވިއުގައިގެ ފެންވަރު ރަނގަޅުކުރެވިއްޖެ ކަމަށެވެ. ބާ ކޭބަލްތަކުގެ ބަދަލުގައި އާ ކޭބަލް އެޅިއްޖެ ކަމަށާއި، ނަރުދަމާގެ މަޝްރޫއުވެސް ނިންމުމަށް ދެން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
އެއާޕޯޓުގެ ލުއި ފަސޭހަކަން ފުރިހަމައަށް ލިބޭނީ އެއާޕޯޓާއި ގުޅުވައިދޭ ކޯޒްވޭ އާއި އެކުގައި ކަމަށާއި، މިހާރު ފަރެސްމާތޮޑާ އާއި ކައިރީގައިވާ ރަށްތަކުން ކުރިން އެއާޕޯޓަށް ކުރަމުން އައި ދިގު ދަތުރު 15-20 މިނިޓަށް ގާތް ކޮށްދެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރ. އަލިފުށްޓާއި އިތުރު ދެ އެއާޕޯޓުގެ ވައިގެ ބަނދަރުގެ ހިދުމަތް މިއަހަރުގެ ތެރޭގައި ހުޅުވޭނެ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި މިހާރު ކުރިޔަށްދާ މަޝްރޫއު މިއަންނަ އަހަރު ކުރީ ކޮޅަށް ނިންމޭނެ ކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ ހދ. މަކުނުދޫ، ފ. ބިލެއްފަހި އަދި ތ. ވިލުފުށީގައި ވައިގެ ބަނދަރު ތަރައްޤީ ކުރުމަށް ބަޔަކާއި ހަވާލުކޮށް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރ. އަތޮޅު ދެކުނު ބިތުގައި ތަރައްޤީ ކުރާ އެއާޕޯޓް ފުރަތަމަ މަރުހަލާ ވަރަށް ބާރަށް ކުރިޔަށްދާ ކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން އެތެރޭގެ އުދުހުންތަކުގެ ވިއުގަ ވަރަށް ބާރަށް ގަތާ ލާމެހެމުން ދާ ކަމަށާއި، ކޮންމެ ގުޅުމަކީ އޭގެތެރޭގައި އެތައް ފައިދާ ތަކެއް ހިމެނޭ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހަރުދަނާ ރަނގަޅު ގުޅުމެއް އޮތިއްޔާ އެ ގުޅުމުން ކުރާ އެތައް މަންފާއެއް އޮންނާނެ.
މި ރީޖަނުގެ ވައިގެ ބަނދަރުތަކުގެ ގޮތުގައި ކާޑެއްދޫ ކައްދޫ އާއި މާވަރުލު އެއާޕޯޓް އެ ބަ ހިނގާ ކަމަށާއި، ފަރެސްމާތޮޑާ ވައިގެ ބަނދަރު ސިފަ ކޮށްދެނީ ޖަޒިރާއެއްގެ މަލަމަތި ކަމަށާއި، އިހު ޒަމާނުގެ އޮޑިހަރުގެ އެއްގެ ސިފައިން ކިތަންމެ ރަނގަޅަކަށްވެސް ދިވެހިވަންތަ ކަން ފެނިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެއާޕޯޓުގެ ޑިޒައިންނަށް ތައުރީފު ކުރައްވާ ރައީސް ވިދާޅުވީ ދުވާލުގެ ވަގުތުގައި ގުދުރަތީ އަލިކަން ލިބެން ހުރުމުން ކަރަންޓް ހަދަރު ކުޑަވެގެންދާނެ ކަމަށެވެ. މި އެއާޕޯޓް ޑިޒައިން ކުރެއްވި ޕްލޭނިންގ މިނިސްޓްރީގެ ބޭފުޅުންނާއި އެމްޓީސީސީގެ އިންޖިނިއަރިން މަސައްކަތް ކޮށްދެއްވި ފަރާތްތަކަށްވެސް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
ގދ. ފަރެސްމާތޮޑާ އެއާޕޯޓަކީ ފަރެސްމާތޮޑާގެ އިތުރުން ވާދޫ، ފިއޯރީ، ރަތަފަންދޫ އަދި ނަޑެއްލާގެ ރައްޔިތުން ކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މިހާ ފުރިހަމަ ވައިގެ ބަނދަރެއް ތައްޤީކޮށް ނިންމަވައިދެއްވި ކަމަށްޓަކައި އެމްޓީސީސީ އާއި އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރެއްވާފައެވެ.