ފަރެސްމާތޮޑާ އެއާޕޯޓާއި އެކު ތަރައްޤީކުރާ ކޯޒްވޭ އާއި އެއް ކިލޯމީޓަރުގެ ތާރު މަގާއި އެކު ވަރަށް ބޮޑު އިގްތިސާދީ ހަބަކަށް އެ ސަރަހައްދުވެގެންދާނެ ކަމަށް ފަރެސް މާތޮޑާ ކައުންސިލުގެ ރައީސް އަހުމަދު އިމްތިޔާޒް ވިދާޅުވެއްޖެއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ މި އެއާޕޯޓަކީ ޕްލޭނިންގ މިނިސްޓްރީން ތަރައްޤީކުރި ފުރަތަމަ އެއާޕޯޓް ކަމަށާއި، މި އެއާޕޯޓުގެ ސަބަބުން ފަރެސް މާތޮޑާގެ ރައްޔިތުން ބޮޑު ތަކްލީފަކުން ސަލާމަތް ކޮށްދީފިކަމަށެވެ.

މީގެ ކުރިން މާލެ ދިއުމަށް ފަރެސްމާތޮޑާގެ ރައްޔިތުން ދާން ޖެހެނީ ގދ. ކާޑެއްދޫ އެއާޕޯޓަށްކަން ފާހަގަ ކުރައްވާ ކައުންސިލުގެ ރައީސް ވިދާޅުވީ ރަށުގައި މިރޭ ހުޅުވުނު އެއާޕޯޓާއި އެކު ގަދަ ކަނޑުގައި ދުއްވާފައި ދިއުމުގެ ތަކްލީފުން ސަލާމަތްކޮށްދީފި ކަމަށެވެ.

އަދި ފަރެސްމާތޮޑާއި އެއާޕޯޓަކީ އެ ސަރަހައްދަށް ލިބުނު އިގްތިސާދީ ބޮޑު ކުރިއެރުމެއް ކަމަށާއި، ދަތުރުފަތުރު ކުރުމުގެ ނިޒާމަށް ލިބުނު ފަސޭހަ މަގެއް ކަމަށެވެ.

އެހެންކަމުން މި އެއާޕޯޓްގެ ހަގީގީ ކުލަ ޖައްސަވާ ދެއްވާ ފަރެސްމާތޮޑާގެ ރައްޔިތުން 2018 ވަނަ އަހަރު ރައީސް ސޯލިހު ކެމްޕޭނަށް ވަޑައިގެންނެވުމުން އެދުނު ގޮތަށް ހުއްޓުނަ ނުދީ އެާޕޯޓް ނިންމަވާދެއްވިކަން ފާހަގަ ކުރައްވާ ރައީސް އަށް ޝުކުރު އަދާކުރެއްވިއެވެ.

ކޮވިޑްގެ ދަތިކަމުގެ ތެރޭގައި މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންގޮސް، މަނިކުފާނު ވިދާޅުވި ގޮތަށް ބާރަށް ނިންމަވައިފި. މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފަރެސްމާތޮޑާގެ އެންމެހާ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން.

ކައުންސިލްގެ ރައީސް ވިދާޅުވީ މި އެއާޕޯޓަކީ މުޅި އެ އަތޮޅަށްވެސް ލިބުނު އިގްތިސާދީ ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި ސަރުކާރުން ފަރެސްމާތޮޑާ އެއާޕޯޓަށް ގާތްގަނޑަކަށް 300 މިލިއަނާއި ގާތްކުރާ އަދަދަކަށް ހަރަދުކުރައްވައިފި ކަމަށާއި، މިއީ އެންމެ ފުރަތަމަ ހަރަދު ކުރަން ނިންމި އަގުގެ ދެގުނަ ބޮޑު އަދަދެއް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ ނިމިދިޔަ ސަރުކާރުން އަޅަން ނިންމި އެއާޕޯޓެއް ކަމަށާއި އެކަމަށް ބިންވެސް އޮތީ ކަނޑައަޅާފައި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް މި އެއާޕޯޓުގެ ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވީ ރައީސް ސޯލިހުގެ ސަރުކާރުން ކަމަށާއި، މި އެއާޕޯޓް ބިނާ ކުރީ 2018 ވަނަ އަހަރު ރައީސް ސޯލިހު ކެމްޕޭނަށް ވަޑައިގެންނެވުމުން ފަރެސްމާތޮޑާގެ ރައްޔިތުން އެމަނިކުފާނުގެ އަރިހުގައި އެދުނު ގޮތަށް ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *