ރާއްޖެ އާއި ގާނާގެ ސަރުކާރާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަން މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ލަންޑަންގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ފޮރިން އެފެއާޒް މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.
މި ދެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދެވެ. އަދި ގާނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އެންޑް ރީޖަނަލް އިންޓަގްރޭޝަން، ޝަރްލީ އަޔޯރްކޯރ ބޮޗްވީއެވެ.
މި ދެ އެއްބަސްވުމުގެ ދަށުން ވިސާގެ ކަންކަން މިހާރަށް ވުރެ ފަސޭހައިން ހަމަޖެއްސުމާއި، ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަން ފޯރުކޮށް ދޭނެ އެވެ.
އެއްބަސްވުންތައް އެކުލަވާލެވިފައި ވަނީ ދެޤައުމުގެ ޚާރިޖީ ވުޒާރާތަކުގެ މެދުގައި އެކި ފަހަރުމަތިން ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ވިސާގެ ލުއި ފަސޭހަތަކާއެކު ދެ ޤައުމުގެ ދެމެދު އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް ވެސް ބުންޏެވެ.
ގާނާއާ އެކީ ރާއްޖޭން ސިޔާސީ ގުޅުން ގާއިމުކުރީ އޮގަސްޓް 10، 1989 ގަ އެވެ.