ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާގޮތުގެ މަޢުލޫމާތު އެއްކުރުމަށް މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު އޯޝަން ޔޫސް ސާރވޭގެ ހޯދުންތައް ހިއްޞާކުރުމަށް ނޫރާއްޖެއިން އާންމުކޮށް ހުޅުވާލައިގެން ސެޝަނެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މި ސެޝަން ބާއްވާނީ މާރިޗު 15 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ޖަހާއިރު، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ މާލެ ކެމްޕަހުގައެވެ.

މި ސެޝަންގައި އޯޝަން ޔޫސް ސާރވޭގެ ޒަރިއްޔާއިން ދިވެހިން ކަނޑުފަޅުތައް އަގުކޮށް ބޭނުންކުރާގޮތާ ގުޅޭ އައު މައުލޫމާތުތައް ހިއްޞާކުރެވި، ބައިވެރިންނަށް ނޫރާއްޖޭގެ ޓީމާއި ސުވާލުކޮށް ހިޔާލުފާޅުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އޯޝަން ޔޫސް ސާރވޭގައި 25,000 މީހުން ރަމްޒުވާ ގޮތަށް 4900 އަށް ވުރެއް ގިނަ ދިވެހިން ވަނީ ބައިވެރިވެފައެވެ. އަދި ސާރވޭގެ ބައިވެރިންވަނީ އެކި ކަންކަމަށް ބޭނުންކުރާ ކަނޑުފަޅުގެ ސަރަހައްދުތައް ރަމްޒުކޮށްދޭ 29,000 އަށްވުރެ ގިނަ ސަރަހައްދު ޑިޖިޓަލް މެޕިން ޕްލެޓްފޯމްއެއް ކަމުގައިވާ ސީސްކެޗް މެދުވެރިކޮށް ފާހަގަކޮށްފައެވެ.

މި ސާރވޭއަކީ މުޖުތުމައުގެ ބައިވެރިވުމާއެކު، ސައިންސްގެ މައްޗަށް ބިނާކޮށް ނޫރާއްޖޭއިން ތައްޔާރުކުރާ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލުމުގެ މުހިންމު ބައެކެވެ. މި ޕްލޭނާއެކު ރާއްޖޭގެ ކަނޑުފަޅުތައް ކުރިއަށްއޮތްތަނުގައި ބޭނުންކުރާނެ ގޮތާއި ހިމާޔަތް ކުރާނެ ގޮތް ރޭވިގެންދާނެއެވެ. އަދި މި ޕްލޭން އެކުލަވާލެވޭނީ ރާއްޖޭގެ ޤުދުރަތީ ވެއްޓާއި ގުޅޭގޮތުންނާއި، ދިވެހިން ކަނޑުފަޅުތައް ބޭނުންކުރާގޮތުގެ އެންމެ އިތުބާރު ހިފޭ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

އޯޝަން ޔޫސް ސާރވޭއާއެކު ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާގޮތް މިހާރަށް ވުރެއް ރަނގަޅަށް މި ދާއިރާގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް އިނގިގެންދާނެއެވެ. އަދި ދިވެހި ސަރުކާރުގެ ލަނޑުދަނޑިއެއް ކަމުގައިވާ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން މަދުވެގެން 20 ޕަސެންޓް ހިމާޔަތްކުރުމަށް ކަނޑައަޅަންޖެހޭ މެރިން ޕްރޮޓެކްޓެޑް އޭރިއާޒް ފާހަގަކުރަން ބޭނުންވާ މުހިންމު މައުލޫމާތު ލިބިގެންދާނެއެވެ.

މި ސާރވޭއަށް މައުލޫމާތު ހޯދުމުގެ ގޮތުން ނޫރާއްޖޭގެ ޓީމުން ވަނީ ރާއްޖޭގެ މީހުން އުޅޭ 189 ރަށަށް ދަތުރުކޮށް އާންމުން ކަނޑުފަޅުތައް ބޭނުންކުރާ ގޮތުގެ މައުލޫމާތު އެއްކޮށްފައެވެ. މީގެ އިތުރުން ސާރވޭއަށް އޮންލައިންކޮށް މައުލޫމާތު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލިއެވެ. މި ސާރވޭގެ މައުލޫމާތާއެކު ރާއްޖޭގެ މަސްވެރިންނާއި، ޓޫރިޒަމް ސިނާއަތާއި އާންމު ފަރުދުން ކަނޑުފަޅުތައް ބޭނުންކުރާގޮތުގެ ތަފްޞީލް ހީޓްމެޕްގެ ޒަރިއްޔާއިން އެނގިގެންދާނެއެވެ.

ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ޤައުމަކަށް ވީތީ އަޅުގަނޑުމެން އެންމެންނަކީވެސް ކަނޑުފަޅުތައް ކޮންމެވެސް ސިފައެއްގައި ބޭނުންކުރާ ބައެއް. އެހެންކަމުން ކަނޑުން ލިބޭ ނަފާ މެނޭޖްކުރުމުގެ މަސައްކަތް ކުރާއިރު ވީހާވެސް ގިނަ ދިވެހިން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް. މި ސާވޭއަށް ހުރިހާ ފަރާތްކަކުން އަދި ވަކިން ހާއްސަކޮށް މަސްވެރިން ދެއްވި އެއްބާރުލުން ފެނި އަޅުގަނޑުމެންގެ މަސައްކަތަށް އިތުރު ހިތްވަރެއް މި ވަނީ ލިބިފަ. އަޅުގަނޑުގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި ހުރި ޕްލޭނިން މަސައްކަތްތަކަށްވެސް މިފަދަ ފުރިހަމަ އެއްބާރުލުމެއް ލިބިގެން ދިޔުން،"

ނޫރައްޖެއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ އިސްނެގުމާއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އަދި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ހިމެނޭ ގޮތަށް ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ވެއިޓް އިންސްޓިޓިއުޓް، ވެއިޓް ފައުންޑޭޝަން، ނެޝަނަލް ޖިއޮގްރަފިކް ޕްރިސްޓީން ސީސް، ސްކްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝަނޯގްރަފީ، ސީސްކެޗް، އެންވަޔަރަންމަންޓަލް މާކެޓްސް ސޮލިއުޝަންސް ލެބް، ޔޫސީ ސަންޓާ ބާބަރާ، ޔޫސީއެލްއޭ އިންސްޓިޓިއުޓް އޮފް ދަ އެންވަޔަރަންމަންޓް އެންޑް ސަސްޓެއިނަބިލިޓީ، އަދި މިނޫންވެސް އެހެނިހެން ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *