އިޢުލާންނުކޮށް ތ. ގުރައިދޫން ބިންތަކެއް ދޫކުރި މައްސަލައިގައި ގުރައިދޫ ކައުސިލްގެ ކުރީގެ ރައީސް ޙުސައިން އަޙަދު އާއި އެކައުންސިލްގެ ކުރީގެ ނާއިބު ރައީސް މުޙައްމަދު ސަރާޙްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އެ ދެމީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީން) ފޮނުވާފައިވަނީ މިއަދެވެ.
މިމައްސަލައިގައި ތ. ގުރައިދޫ ކައުސިލްގެ ކުރީގެ ރައީސް ޙުސައިން އަޙަދު އާއި އެކައުންސިލްގެ ކުރީގެ ނާއިބު ރައީސް މުޙައްމަދު ސަރާޙްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިފައިވަނީ ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫން)ގެ 12 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާއެވެ.
ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ޤަވާއިދާއި، ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމުގައި ތ.ގުރައިދޫ ކައުންސިލުން ޢަމަލުކުރަމުންއައި އުޞޫލާއި ޚިލާފަށް އިޢުލާންނުކޮށް، ބިން ދޫކުރުމުގެ އެއްބަސްވުންތަކުގައި އަޙަދުއާއި ޞަރާޙު ސޮއިކޮށްފައިވުމުން ބިންތައް ދޫކުރުމުގައި އެދެ ފަރާތުގެ ބައިވެރިވުން އޮތްކަން ތަޙުޤީޤަށް އެނގޭ ކަމަށް އޭސީސީން ބުނެއެވެ.