ލަންކާގެ ޓޫރިޒަމް މިނިސްޓަރ އަދި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ

އައިޓީބީ ބާލިން ފެއާގައި ދިވެހިރާއްޖެއަށް ފަޑުކިއުއްވި ސްރީލަންކާގެ ޓޫރިޒަމް މިނިސްތަރ ފެނާންޑޯ ހަރިން މާފަށް އެދިވަޑައިގެންފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަންކާގެ ޓުރިޒަމް މިނިސްޓަރ ރާއްޖެއާއިބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ފަތުރުވެރިން ރާއްޖެ އައިސް ހިތްހަމަ ޖައްސާލަން ލިބޭނެ ތަނަކީ ހަމައެކަނި ރީތި ގޮނޑުދޮށްތަކެއް ކަމަށެވެ. އަދި ފަސް ވަރަކަށް ދުވަހު ރާއްޖޭގައި މަޑުކޮށްލާއިރަށް ފަތުރުވެރިން އެތަންތަން މަތިން ފޫހިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖެއަށްވުރެ ފަތުރުވެރިންނަށް ލަންކާ ރަނގަޅުވާނެ ކަން ހާމަކޮށްދިނުމުގެ ގޮތުން ދެއްކި ސަބަބުތަކެއްގެ ގޮތުގައެވެ.

ލަންކާ ވަޒީރުގެ އެ ވާހަކަތަކަށް ރާއްޖޭގެ ޓުރިޒަމް މިނިސްޓަރ ޑރ. އަބުދުﷲ މައުސޫމް ވަނީ ރާއްޖެ ދިފާއު ކުރައްވާ ރައްދުދެއްވާފައެވެ. މައުސޫމް ވިދާޅުވީ، ތިން ފަހަރު ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ރާއްޖެއިން ހޯދާފައިވާ ކަމަށާއި ފަތުރުވެރިކަމުގައި ރާއްޖެ މިއީ ދުނިޔޭގެ "ބެންޗް މާކް" ކަމަށެވެ.

ރާއްޖޭގެ އަގު ވައްޓާލުމަށް ލަންކާގެ ޓޫރިޒަމް މިނިސްޓަރ ފެއާގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން އޭނާއަށް ވަނީ ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައެވެ.

ފާޑުކިއުންތަކުގެ ސަބަބުން ހޫނުފެނަށް ވެއްޓުމުން ލަންކާގެ ޓޫރިޒަމް މިނިސްޓަރ ރާއްޖޭގެ ކިބައިން މާފަށް އެދިފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ބުނެފައިވަނީ ބާލިންގައި އޭނާ ދެއްކި ވާހަކަތަކުގެ މާނަ އޮޅޭ ގޮތަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ކަމަށެވެ.

އަދި ފަތުރުވެރިކަމުގެ ދާއިރާގައި ސްރީލަންކާއިން މަސައްކަތް ކުރަނީ ދިވެހިރާއްޖެއާއި އެކުގައި ކަމަށާއި، ރާއްޖެ އާއި ބެހޭ ގޮތުން އޭނާ ދެއްކެވި ވާހަކަފުޅަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *