ޕްރިންސިޕަލުން އެބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގައި ކަމާގުޅޭ ހުރިހާ ފަރާތްތަކާއި ގުޅިގެން، އެއް އަމާޒަކަށް ވާޞިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، މެލޭޝިއާގެ ޔުނިވަރސިޓީ މަލާޔާއިން "މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް" ކޯސްފުރިހަމަކޮށް ސްކޫލުތަކާ ގުޅިވަޑައިގަންނަވާ ޕްރިންސިޕަލުންނަށް އެ ބޭފުޅުންގެ މަޤާމުގެ މަސްއޫލިއްޔަތުގެ ލިއުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އަލަށް މަގާމާއި ހަވާލުވާ ޕްރިންސިޕަލުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވުމަށް ފަހު އެބޭފުޅުންނާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ވިދާޅުވީ ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާ ކުރުމަށް ސަރުކާރުން ވަރަށް ބޮޑުއިސްކަމެއް ދެއްވާ ކަމަށެވެ.

އެގޮތުން ގިނަ ދާއިރާތަކަކަށް އަމާޒުކޮށް މީހުން ތަމްރީނުކުރުމަށް ސަރުކާރުން މިހާރުވެސް ޕްރޮގްރާމުތަކެއް ފަށައިގެން ކުރިޔަށްގެންދާކަން ފާހަގަކުރައްވައި އޭގެ ބައެއް ތަފުސީލުތަކަށް ނައިބު ރައީސް އަލިއަޅުވާލެއްވިއެވެ.

ޕްރިންސިޕަލުންނަށް ހިންގި ސްކޮލަރޝިޕް ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޕްރިންސިޕަލުން ތަމްރީނުކުރުމުގެ މަގްސަދުގައި 2022 ވަނަ އަހަރު ފެށި ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމުގެ ދަށުން މެލޭޝިއާގެ މަލާޔާ ޔުނިވަރސިޓީގައި ކުރިޔަށްގެންދިޔަ "މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް" ކޯސް ފުރިހަމަކޮށް ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 17 ފަރަތަކުން ވަނީ ސެޓްފިކެޓް  ހާސިލުކޮށްފައެވެ.

ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހިނގާ ސްކޮލަރޝިޕް ޕްރޮގްރާމަކީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *