އެމްއެމްއޭ

ފޮރިން އެކްސްޗޭންޖް ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ޑީޑޮލަރައިޒޭޝަން ސްޓްރެޓެޖީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ޓެކްސް ސަބްމިޝަންގެ ގޮތުގައި މީރާއިން ބަލާ މިންގަނޑަކީ 15.42 ރުފިޔާ ކަމުގައިވިޔަސް ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބެނީ 17 ރުފިޔާއަށްކަން ފާހަގަކުރައްވައި މިކަމުގެ ސަބަބުން ޓެކްސް ސަބްމިޝަންއަށް ހުށަހަޅަން ޖެހެނީ އަސްލު ހަރަދު ހިނގާވަރަށްވުރެ މަދުންކަމަށް ވިދާޅުވެފައެވެ.

މިކަމާއި ގުޅޭގޮތުން ލިޔުމުން ޖަވާބު ހޯއްދެވުމަށް މިނިސްޓަރ އަމީރާއި ސުވާލުކުރައްވާ މެމްބަރު ވަނީ ވިޔަފާރިތަކުން އަސްލު ދައްކަންޖެހޭ މިންވަރަށްވުރެ ބޮޑަށް ޕްރޮފިޓް ޓެކްސް ދައްކަންޖެހޭތީ އެކަން ހައްލުކުރުމަށް ކުރަނީ ކޮން މަސައްކަތެއްތޯ އައްސަވާފައެވެ.

ލިޔުމުން ފޮނުއްވި ޖަވާބުގައި މިނިސްޓަރ ވަނީ ޓެކްސް ބޭނުމަށް ވިޔަފާރިތަކުން ހިސާބުތައް ތައްޔާރުކުރަންޖެހެނީ އިންޓަނޭޝަނަލް އެކައުންޓީން ސްޓޭންޑަޑްސްއާއި އެއްގޮތަށް ކަމަށެވެ.

ރަސްމީ ބޭންޑަށްވުރެ މަތީ ރޭޓަކުން ވިޔަފާރިތަކުން ބޭރު ފައިސާ ގަނެ ކޮސްޓް އޮފް ސޭލްސްގެ ތެރޭގައި ހިމެނޭކަން ލިޔެކިޔުންތަކުން ޔަގީންކުރެވޭ މިންވަރަށް ހުރިނަމަ ޓެކްސް ފައިލްކުރާއިރު މިހަރަދު ހިމެނުމަށް ހުރަހެއް ނެތްކަމަށް ވިދާޅުވިއެވެ.

އަދި ފޮރިން އެކްސްޗޭންޖް ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޑީޑޮލަރައިޒޭޝަންގެ މަސައްކަތް ކުރަމުންގެންދާކަމަށް ވިދާޅުވިއެވެ.

އަމީންއާންމު ޖަވާބު އިއްވަވައި ނިމުމުމް މެމްބަރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި މެމްބަރުގެ ސުވާލަކީ އެކަން ކުރެވޭނީ ކޮންއިރަކުންކަން ސާފުކުރެއްވުމަށް ކުރެއްވި ސުވާލެއްކަން ފާހަގަކުރައްވާފައެވެ. އަދި ވެރިކަމުގެ މިދައުރު ނިމުމަށް އޮތީ 6 ވަރަކަށް މަސްކަމަށް މެމްބަރު ވިދާޅުވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *