ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތް ލަސްވާ ކަމަށް އިދާރާތަކުން ދައްކާ ސަބަބު ބަލައިނުގަނެވޭ ކަމަށް އެ މައްސަލަ ކުރިއަށްދާ ގޮތް މޮނީޓާ ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.
އައްބާސް ފާއިޒު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޭ ހައެއް ހަމަލާގެ މައްސަލަ އާއި ގުޅުގެން މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ހަސަން ރަޝީދުއާ ބައްދަލުކުރެއްވި ކަމަށާ އެ ބައްދަލުވުމުގައި ރައީސް ނަޝީދަށް ދިން ހަމަލާގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް ލަސްވާތީ ކަންބޮޑުވުން ފާޅުކުރެއްވިކަމަށެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގައި ވެސް މަސައްކަތް ކުރައްވާފައިވާ އައްބާސްއަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދުރާލާ ރާވައިގެން ބޮމުގެ ހަމަލާއެއް ދިނީ 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރެއެވެ. ސައިކަލެއްގައި ބޮން ހަރުކޮށްގެން ދިން ހަމަލާގައި އެ މަނިކުފާނަށް ބޮޑެތު ޒަހަމްތަކެއް ލިބިވަޑައިގެންނެވިއެވެ. އޭޑީކޭގައި ކުއްލި ފަރުވާ ދިނުމަށް ރައީސް ނަޝީދު ވަނީ ޖަރުމަނަށް ވަޑައިގެން އެ ގައުމުން ވެސް ފަރުވާ ހޯއްދަވާފައެވެ.
މި ހަމަލާގައި ބޮން ގޮއްވާލި އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު އަށް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފައެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި، ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގުގެ މައްޗަށެވެ. ނަމަވެސް މި މީހުންގެ ޝަރީއަތް މާބޮޑަށް ކުރިއަކަށް ނުދެެއެވެ.