ޒަމާނީ ފެންވަރަށް ތަރައްގީކުރާ އަމީނީ މަގުގެ ފުރަތަމަ ތިން ސެގްމެންޓުގައި ތާރު އަޅާފައިވާ ސަރަހައްދު އާއްމުންނަށް ހުޅުވާލައިފިއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން ބުނީ އަމީނީމަގުގެ ފުރަތަމަ 3 ސެގްމަންޓްގައި ތާރު އަޅާ ނިންމާފައިވާއިރު އިއްޔެ އެ ސެގްމަންޓްތައް އާއްމުންނަށް ހުޅުވާލައިފިއެވެ.
އެ ކޯޕަރޭޝަނުން ބުނި ގޮތުގައި އެ ސަރަހައްދު އާންމުކޮށް ހުޅުވާލި ނަމަވެސް ފިނިޝިންގެ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާނެ ކަމަށެވެ. އަދި ސެގްމަންޓް 4 ގައި ދުވާރު ހެދުމުގެ މަސައްކަތް ކުރަމުންދާއިރު ސެގްމަންޓް 5 ގައި ގައުތައް ނެގުމަށްފަހު މަގު ކޮނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ސެގްމަންޓް 4 ގެ ދަށުން މަސައްކަތްކުރަމުންދަނީ ސްޓެލްކޯއިން އެވިޑް ކޮލެޖާއި ހަމައަށެވެ. ސެގްމަންޓް 5ގައި ހިމެނެނީ އަމީނީމަގާއި ކޮއިމަލާ ހިނގުމާއި ގުޅޭ ހިސާބުން ފެށިގެން ރެހެންދި ހިނގުމާއި ހަމައަށެވެ.
އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
އަންނަ ޖުލައި މަހު މުޅި އަމީނީމަގުގައި އެއްކޮށް ތާރުއަޅައި ނިންމާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.