ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

މަޖިލީހުގައި މިއަދު ވެންޓިލޭޓަރުގެ ސުވާލުކުރަނީ ސިޔާސީ ހަރަކާތަކަށްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރާއި ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި މެމްބަރުން ސުވާލުކުރައްވާފައިވަނީ ވެންޓިލޭޓަރާއި ގުޅޭގޮތުންނެވެ. އަދި ވެންޓިލޭޓަރުގެ ފައިސާ އަމިއްލަ އެކައުންޓަކަށް ޖަމާކޮށްފައިވާނެތޯ މެމްބަރުން ސުވާލުކުރައްވާފައިވެއެވެ.

މިނިސްޓަރ ވަނީ މައްސަލަ މިވަގުތު އާބިޓްރޭޝަންގައި އޮތުމުން އެސުވާލަށް ޖަވާބުދެއްވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެސުވާލަށް ޖަވާބުދެއްވާނީ އެޓަރނީ ޖެނެރަލްގެ ލަފާފުޅާއެކުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންނަމަވެސް މެމްބަރުން ތަކުރާރުކޮށް ސުވާލުކުރައްވަން ފެއްޓެވުމުން މިނިސްޓަރ ވަނީ އެފައިސާ އަމިއްލަ އެކައުންޓަކަށް ޖަމާކުރުމަށް މިނިސްޓަރވެސް އަދި މިނިސްޓްރީގެ މުވައްޒަފަކުވެސް އަންގާފައިނުވާކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ ވަނީ މިމައްސަލައަށް ވަރަށް ތަފްސީލީ ގޮތެއްގައި މަޖިލީހުގެ ކޮމެޓީތަކުގައި ޖަވާބުދެއްވާފައިވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މިހާރު މައްސަލަ އާބިޓްރޭޝަންގައި އޮއްވާ މަޖިލީހުގެ ތަޅުމުގައި މިމަސައްކަތް ކުރަމުންމިދަނީ ސިޔާސީ ހަރަކާތެއް މަޖިލީހުގައި ހިންގެވުމަށްކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރުގެ އެވާހަކަފުޅަށް ރިޔާސަތުގައި އިންނަވާ ރައީސް މުހައްމަދު ނަޝީދު ޖަވާބުދެއްވަމުން ވިދާޅުވީ މަޖިލީހުގައި ކުރަމުންދަނީ ސިޔާސީ މަސައްކަތެއް ނޫންކަމަށާއި އެއީ މަޖިލީހުން ކުރަންޖެހޭ އަދި ކުރުމަށް ބާރު ލިބިފައިވާ މަސައްކަތްތަކެއް ކަމަށެވެ.

މިނިސްޓަރ ވަނީ އާބިޓްރޭޝަންގައި އޮތް މައްސަލައަށް ގޮތެއް ވެދާނެ ފަދަ އެއްވެސް ކަމެއްކުރައްވަން ބޭނުންފުޅުނުވާކަމަށް ވިދާޅުވެފައެވެ. އަދި ބޭނުންވަނީ ވެންޓިލޭޓަރު މައްސަލައަށް ބަދަލުލިބި އެފައިސާ ދައުލަތަށް އަނބުރާލިބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *