ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި އދ ގެ ސެކްރެޓަރީ ޖެނެރަލް ގްޓާރޭސް

ރާއްޖެއިން ހޯދަމުން އަންނަ ކުރިއެރުންތަކާއި ރާއްޖޭގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އ.ދ. އަކީ މުހިންމު ބައިވެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިއްޔެ ޤަޠަރުގެ ދޯހާގައި ހުންނަ ނެޝަނަލް ކޮންވެންޝަން ސެންޓަރުގައި އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި، އެޖެންޑާ 30ގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ދަޢުލަތުގެ ކަމާބެހޭ މުހިންމު އިދާރާތަކުގެ ޤާބިލުކަން އިތުރުކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އ.ދ. އިން ވަރަށް މުހިންމު ދައުރެއް އަދާކޮށްދެމުން އަންނަކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތަކަށް ކަންކަން ކުރުމަށްޓަކައި، އ.ދ.ގެ ކަމާބެހޭ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ޕަބްލިކް ސެކްޓަރ ގްރޫޕްތަކުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

އޭގެ ތެރޭގައި ޢުމްރާނީ ވަޞީލަތްތައް ޤާއިމުވެފައި ހުރި ގޮތުން ހުރި ފަރަގުތައް ކުޑަކޮށް، ފަތުރުވެރިކަން ކުރިއެރުވުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރިކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި، ކުރެވެންހުރި އިންވެސްޓްމަންޓްތައް ބެލުން ހިމެނެއެވެ.

އަދި އެންމެ ދާއިރާއަކަށް އިޤްތިޞާދު ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަށްޓަކައި ދެމެހެއްޓެނިވި ވިޔަފާރީގެ ދާއިރާއާއި މަސްވެރިކަން ފުޅާކޮށް އިތުރުގޮތްތައް ހޯދުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ޢަބްދުﷲ ޝާހިދު އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވި ދުވަސްވަރު، އެމަނިކުފާނާއި އެކު ވަރަށް ގާތުން މަސައްކަތް ކުރެއްވި ކަމުގެ ހަނދާންތައް އާކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނަކީ ފާހަގަކޮށްލެވޭ ނަމޫނާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖެއަކީވެސް އ.ދ.އިން ނަގަހައްޓާ އެންމެހާ ހަމަތަކުގައި ވަރަށް ފުރިހަމައަށް ރަމްޒުކޮށްދޭ ޤައުމެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ 2023 ވަނަ އަހަރުގެ އެސް.ޑީ.ޖީ. ސަމިޓާއެކު "ކްލައިމެޓް އެމްބިޝަން ސަމިޓެއް" ބޭއްވުމަށް ސެކްރެޓަރީ ޖެނެރަލް ނިންމެވި ނިންމެވުމަށް ތަޢުރީފު ކުރައްވައި، ކޮޕް27ގައި އެއްބަސްވި ގޮތަށް "ލޮސް އެންޑް ޑެމޭޖް" ފަންޑު ގާއިމުކުރެވޭނެ ކަމުގައި ޔަގީންކުރައްވާކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް މަސައްކަތްކުރުމަށް އ.ދ. ސެކްރެޓަރީ ޖެނެރަލްގެ ލީޑަރޝިޕްގެ ދަށުން ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތްތަކަށް ތަޢުރީފު ކުރެއްވިއެވެ. އަދި ގިނަ ޤައުމުތައް އެކުވެގެން މަސައްކަތްކުރުމުގެ ރޫޙު ދެމެހެއްޓުމަށާއި، އ.ދ.އާ ގުޅިގެން ގާތުން މަސައްކަތްކުރެއްވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ޤަޠަރަށް ވަޑައިގެންނެވީ އެ ޤައުމުގައި ބާއްވާ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އދ.ގެ ފަސްވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްއާއި އެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އ.ދ. އެކިއެކި އެހީދޭ ޖަމުޢިއްޔާ ޖަމާޢަތްތައް މެދުވެރިވެގެން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އދ. ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮންނަތާ 57 އަހަރު ފުރުން ފާހަގަކުރީ މިދިޔަ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 21 ވަނަ ދުވަހުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *