ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު

އައްޑޫ ސިޓީއަށް ގެންނަން ބޭނުންވާ ބަދަލު ގެނެވޭނީ އެއާޕޯޓާއި ސީޕޯޓު ޕްރައިވަޓައިޒްކޮށްގެންކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އެއާޕޯޓާއި ސީޕޯޓް ޕްރައިވަޓައިޒްކުރުމަށް ގޮވާލައި ގަރާރު ހުށަހަޅުއްވައި ވާހަކަފުޅުދައްކަވަމުން މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ މިއީ އައްޑޫ ރައްޔިތުންނަށާއި ރާއްޖޭގެ އިގްތިސާދަށްވެސް އެންމެ ފައިދާ ބޮޑު ގޮތްކަމަށެވެ.

އައްޑޫ ސިޓީން އިނގިރޭސީން ފައިބައިގެން ދިޔައިރު ގަމަކީ ފައްކާވެފައި އޮތް ވަރުގަދަ އެސެޓެއްގެ ގޮތުގައި މެމްބަރު ސިފަކުރެއްވިއެވެ. ގައުމެއް ނުވަތަ ސަރަހައްދެއް ތަރައްގީކުރުމަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް އޭރު ހުރީ ގާއިމްވެފައިކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ ބަނދަރު، އެއާޕޯޓު އަދި ނަރުދަމާ ނިޒާމް ގާއިމްކޮށް އެޑިޔުކޭޝަނަލް ސެންޓަރެއްވެސް ގާއިމްކުރެވިފައިވާކަމަށެވެ.

އެހެންނަމަވެސް އެއްވެސް ކަމަކަށް ރިއާޔަތްނުކޮށް އޭރުގެ ސަރުކާރުން އިނގިރޭސީން ފައިބައިގެން ދިޔުމަށް އެންގި ހިސާބުން އައްޑޫއަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުންކަމަށް ވިދާޅުވިއެވެ. އަދި އޭރު ސަރުކާރުގެ ވިސްނުން ހުރި ގޮތުން އެތަންތަނުގައި ހުރި ވަސީލަތްތައް ނައްތަލީކަމަށާއި އެތަކެތި މާލެ ގެނެސް ނީލަން ކިޔުންފަދަ ކަންކަން ކޮށްފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ.

އެގޮތުން މާލީގޮތުން އައްޑޫ ބިކަވެ، އާއިލާތައް ރޫޅި، ބަނޑުފުރާނެ ގޮތެއްވެސް އޭރު ފެނިފައިނުވާކަމަށް މެމްބަރު ވިދާޅުވިއެވެ.

ވެރިކަން ބަދަލުވެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެއަހަރު އައްޑޫއަށް ވަޑައިގެން ވިދާޅުވި ވާހަކައަކީވެސް އައްޑޫ ތަރައްގީކުރުމަށް އެމެރިކާ ރައްޔިތުންނާއި ވާހަކަދައްކަމުންދާ ވާހަކަކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންނަމަވެސް 47 އަހަރު ފަހުންވެސް އަދިވެސް މިތިބީ އޭރު ތިބި ހާލަތުގައިކަމަށް މެމްބަރު ވިދާޅުވިއެވެ.

1943ވަނަ އަހަރު އިނގިރޭސިން އެއާޕޯޓު އަޅާފައި އޮތްނަމަވެސް އޭގެ ފަހުން ފާއިތުވި ފަންސާހަކަށް އަހަރުވީއިރުވެސް އަޑުއިވެމުންދާ ވާހަކައަކީ އެތަން ތަރައްގީކުރަން މަސައްކަތް ފަށާ ވާހަކައާއި ލޯނު ހޯދާ ވާހަކަ ކަމަށެވެ. އަދި މިއެއާޕޯޓާއި ސީޕޯޓަކީ އިންތިޚާބަށް ވޯޓު ހޯދާ ވަސީލަތްތަކަކަށް ހަދާފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ.

ގަރާރާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއީ މުހިންމު ގަރާރެއް ކަމަށާއި މިއީ ގައުމީ މަސްހަލަތު ހިމެނޭކަމެއް ކަމުގައި ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *