ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންވެސް، މިސަރުކާރުންވެސް ލޯނު ނެގުމަކީ މައްސަލައެއް ނޫންކަމަށް ދާންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔައުގޫބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދަރަންޏާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޔައުގޫބު ވިދާޅުވީ ލޯނަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު އެއްޗެއްކަމާއި އޭގެ ފައިދާ އެނގި ރާއްޖެ ކުރިއަރަންޖެހޭ ސްޕީޑަށްވުރެ ހަލުއިކޮށް ކުރިއެރުމަށް އެންމެ ފުރަތަމަ ލޯނު ނަގަން ފެށީވެސް އެމްޑީޕީން ކަމަށެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ ހާލަތަށް ބަލާއިރު މާ ގިނަ ލޯނު މުއާމަލާތްތަކެއް ފެންނަން ނެތް ކަމަށެވެ. އެހެންނަމަވެސް ލޯނުގެ މުހިންމުކަން އެނގި 2008 ވަނަ އަހަރުން ފެށިގެން ލޯނު ނަގަން ފެށީ އެމްޑީޕީގެ ވެރިކަމުގައިކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ލޯނު ނެގުމަކީ ގޯސްކަމެއްނަމަ އޭރުގެ އެމްޑީޕީ ސަރުކާރުން ލޯނު ނުނެގީސްކަމަށް ޔައުގޫބް ވިދާޅުވިއެވެ.

"ރައީސް ޔާމީން ސަރުކާރުން ލޯނު ނެގުމަކީވެސް މައްސަލައެއް ކަމުގައި ނުދެކެން"

ޔައުގޫބް ވިދާޅުވީ ލޯނު ނުދެއްކޭނެ ބަޔަކަށް ލޯނު ދޫނުކުރާނެ ކަމަށެވެ. އަދި ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖެއަށް ލޯނު ދޫކުރަނީ ރާއްޖެއިން ލޯނު ދައްކާނެކަމުގެ ޔަގީންކަން އޮންނާތީކަމަށް ވިދާޅުވިއެވެ.

ލޯނު ނެގުމުން އެތައް ބަޔަކަށް އޭގެ ފައިދާކުރަމުންދާކަމަށް ޔައުގޫބްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ބަނދަރުތަރަކާއި ތަރައްގީގެ އެތައް މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާއިރު އޭގެ ފައިދާ އެތައް ބަޔަކަށް ކުރަމުންދާކަމަށް ޔައުގޫބް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *