ރަމަޟާން މަހަށް ބާކީ އޮތީ 25އެއްހާ ދުވަހެވެ. މިއީ މުސްލިމުން ކޮންމެ އަހަރަކުވެސް އެންމެ އިންތިޒާރުކުރާ ދުވަސްވަރެވެ. ރަމަޟާން މަހާއި އެމަހާއި ގުޅުވައިގެން އަންނަ އީދު ބަންދު ދުވަސްތަކަކީ ދިވެހިންވެސް ޚާއްސަ ސަމާލުކަމެއް ދޭ ދުވަސްތަކެކެވެ.
ރަމަޟާން މަހަށް ތައްޔާރުވުމަށް ގޭތެރެ ޒީނަތްތެރިކުރުމާއި، ގޭތެރެއަށް ބޭނުންވާ ބައެއް ސާމާނު ގަތުމަކީ އަބަދުވެސް ދިވެހިންގެ ތެރޭގައި އޮންނަ އާދައެކެވެ. އެހެންނަމަވެސް މިކަންކަން ކުރާއިރުވެސް އިސްރާފްކުރުން މަދުކުރުމާއި ސަދަގާތްކުރުން އިތުރުވާނެ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަކީ މުހިންމު ކަމެކެވެ.
ރަމަޟާން މަސް ފެށުމާއެކު ރޯދަ ވީއްލުމަށާއި އެނޫންވެސް ގަޑިތަކަށް ކާބޯތަކެތި ތައްޔާރުކުރާއިރުވެސް އިސްރާފްކުރުން މަދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. މިއީ ކެއިން ބުއިމުގެ މައްސަރަކަށް ހެދުމުގެ ބަދަލުގައި އަޅުކަމުގެ މައްސަރަކަށް މިދުވަސްވަރު ހެދުމަށް އިލްމުވެރިން އަބަދުވެސް ނަސޭހަތްތެރިވެލައްވައެވެ.
އެހެންކަމުން މިގޮތަށް މިދުވަސްތައް ހޭދަކުރުމަށް ވިސްނައި ދުރާލައި އެކަމަށް ތައްޔާރުވެ، މަސައްކަތްކުރުން މުހިންމެވެ. މި ރިޕޯޓުގައި މިބަލާލަނީ ރަމަޟާން މަސް އެންމެ ފުރިހަމަ ގޮތުގައި ހޭދަކުރުމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.
- ޚަތިމެއް ކުރުމަށް އަޒުމް ކަނޑައެޅުން
ރަމަޟާން މަހަކީ މިކަން ކުރުމަށް އެންމެ ހެޔޮވެގެންވާނެ ދުވަސްވަރެވެ. އަދި މިކަމަކީ ގިނަ ބަޔަކު ސަމާލުކަން ދީގެން ކުރަމުން އަންނަ ކަމެއްކަންވެސް ފާހަގަކޮށްލެވެއެވެ. ދިވެހިންގެ ތެރޭގައިވެސް މި ރިވެތި އާދައަށް ހުއްޓުމެއް ނައިސް ބައެއް ގެތަކުގައި ކުރިއަށް ގެންދާކަން އަދިވެސް ފާހަގަކުރެވެއެވެ.
މިކަމަށް އޮތް އެންމެ ފަސޭހަ މަގަކީ ކޮންމެ ދުވަހަކުވެސް ފަރުޟު ފަސް ނަމާދަށްފަހު ޚަތިމުން ފަސް ސޮފްހާ ކިޔުމެވެ. މިގޮތަށް ކޮންމެ ދުވަހަކުވެސް އަމަލުކޮށްފިނަމަ ރަމަޟާން މަސް ނިމޭއިރު ޚަތިމެއް ކުރެވޭނެއެވެ.
- ތަރާވީޙް ނަމާދަށް އިސްކަންދިނުން
ޢިޝާ ނަމާދަށްފަހު ކުރާ ތަރާވީޙް ނަމާދަށް ދިޔުމަކީވެސް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ޚާއްސަ އިސްކަމެއް ދީގެން ކުރާ ކަމެކެވެ. ފިރިހެނުންގެ އިތުރުން އަންހެނުންނާއި ކުޑަކުދިންވެސް މިނަމާދަށް ދިޔުމަށް ޚާއްސަ ސަމާލުކަމެއް ދެއެވެ.
ރަމަޝާން މަހުގެ ކޮންމެ ރެއަކު ތަރާވީޙް ނަމާދަށް ދާ ކަމުގައިވާނަމަ، އިތުރު ޚަތިމެއް ކުރުމުގެ ފުރުސަތު އެމީހަކަށް ލިބިގެންދެއެވެ.
- ތަޙައްޖުދު (ދަމު ނަމާދު) ކުރުމަށް ސަމާލުކަން ދިނުން
ރަމަޟާން މަހަކީ ތަޙައްޖުދު ކުރުމަށް އެންމެ ފަސޭހަވާނެ މައްސަރެވެ. އިތުރު ހިތްވަރެއް ލައި ހާރު ކާން ތެދުވާ ވަގުތު ކުޑަ މިނުން ތަޙައްޖުދުގެ ދެ ރަކްއަތް ކުރުމަށް އަޒުމްކަނޑައެޅުން މުހިންމެވެ.
މިއީ ދުޢާ ކުރުމަށްވެސް އެންމެ ރަނގަޅު ވަގުތުކަމަށް އިލްމުވެރިން ދެކިލައްވައެވެ. ހަމައެއާއެކު މިއީ ނަފްސާނީ ހަމަޖެހުމަށްވެސް ކުރުން މޮޅު އިތުރުވެގެންވާ ނަމާދެއްގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ.
- ފޯނާއި މުނިފޫހިފިލުވުން މަދުކޮށް ދީނީ މަޢުލޫމާތު އިތުރުކުރުމަށް މަސައްކަތްކުރުން
ވަޒީފާ ނުވަތަ ކިޔަވަންދާ ދަރިވަރަކު ނަމަ ކިޔެވުމުގެ ވަގުތަށްފަހު ދީނީ އައު މައުލޫމާތު ހޯދުމަށް މަސައްކަތްކުރުމަކީ ރޯދަމ މަހު ކުރެވިދާނެ މުހިންމު ކަމެކެވެ. ދީނީ މައުލޫމާތު އިތުރުކުރުމާއެކު ސަވާބު ހޯދުމުގެ ނިޔަތުގައިވެސް މިކަން ކުރެވިދާނެއެވެ.
އެގޮތުން ދީނީ ފޮތްތައް ކިޔުން އިތުރުކުރުމާއި ދީނީ ދަރުސްތައް އަޑުއެހުން އިތުރުކުރުމަކީ ކުރެވިދާނެ ކަންކަމެވެ. މިއީ އެކަނިވެސް އަދި ރަހްމަތްތެރިންނާއެކުވެސް ކުރެވިދާނެ ކަންކަމެވެ.
ހަމައެއާކު ފޯނާއި އިންޓަނެޓްގައި ހޭދަކުރާ ވަގުތު މަދުކުރުމަކީވެސް ރޯދަ މަހުގެ ވަގުތު ހެޔޮ ގޮތުގައި ހިފުމަށް ކުރެވިދާނެ ކަމެކެވެ.
- ޞަދަޤާތްކުރުން އިތުރުކުރުން
ކޮންމެ ދުވަހަކުވެސް ޞަދަޤާތުގެ ކޮންމެވެސް މިންވަރެއް ކުރުމަށް އިސްކަން ދޭންވާނެއެވެ.
ޚާއްސަކޮށް ނިކަމެތިންނާއި، ޔަތީމުން އަދި މިސްކީނުންނަށް އެހީވުމަށް އިސްކަންދޭންވާނެއެވެ. ރަމަޟާން މަހަށްފަހު ޢީދަށް ތައްޔާރުވާއިރުވެސް މިކަމަށް ސަމާލުކަން ދޭންވާނެއެވެ.
-
ޝެޑިޔުލެއް އެކުލަވާލުން
ރަމަޟާން މަހުގެ ވަގުތުތައް ހެޔޮ ގޮތުގައި ހިފުމަށް ދުރާލައި ތާވަލެއް އެކުލަވާލެވިދާނެއެވެ. އެގޮތުން ނިދުމާއި، ހަރަކާތްތެރިވެ އުޅުމާއި ޒިކުރު ކުރުމަށް ހޭދަކުރާނެ ވަގުތުތައް ދުރާލައި ކަނޑައެޅިދާނެއެވެ.
މީގެ އިތުރުން އިފްތާރު ވަގުތުގައާއި ހާރުދަމުގައި ބޭނުންވާ މިންވަރަށްވުރެ ގިނައިން ނުކެއުމާއި، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިމަށްވެސް ސަމާލުކަން ދޭންވާނެއެވެ.
މިއީ ރަމަޟާން މަހުގެ ވަގުތުތައް ހެޔޮ ގޮތުގައި ހިފުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ. ދުރާލައި މިކަންކަމާއިމެދު ވިސްނައި މިރޯދަ މަހު އަމަލުތައް ބަހައްޓާނެ ގޮތްތަކާއިމެދު މިހާރުން ފެށިގެން ވިސްނުން މުހިންމެވެ.