ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން -- ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

މިއަހަރު ސްޓޫޑެންޓް ލޯނަށް ހުޅުވާލީ ޑިމާންޑް ބޮޑު ދާއިރާތަކަށް ރިއާޔަތް ކުރުމަށް ފަހު 3 ދާއިރާއަކުން ޖާގަ އިތުރު ކުރުމަށް ފަހުގައި ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވީ މިއަހަރު ސަރުކާރުން ހުޅުވާލި ސްޓޫޑެންޓް ލޯނުގެ 720 ފުރުސަތުގެ ތެރޭގައި ޕައިލެޓް ކަން ކިޔެވުމަށް ޖުމްލަ 60 ޖާގަ ކަނޑައަޅާފައިވާ ކަމަށެވެ.

ޕައިލެޓް ކޯހަކީ ވަރަށް ޑިމާންޑް ބޮޑު ކޯހެއް ކަމަށާއި، ޕައިލެޓްކަން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް މިދިޔަ އަހަރު ދިނީ އެންމެ 10 ޖާގަ ނަމަވެސް މިއަހަރު އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 30 އަދި މިހާރުވެސް ކޯސް ފުރިހަމަ ކުރަމުންދާ ދަރިވަރުންނަށް 30 ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ރާއްޖޭން ބޭރުގައި އެމްބީބީއެސް ހެދުމަށް މިދިޔަ އަހަރު ހުޅުވާލީ 25 ފުރުސަތު ކަމަށާއި މިއަހަރު 55 ފުރުސަތު ހުޅުވާލާފައިވާނެ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެގޮތުން މެޑިސިންގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ކޯސްތަކަށް 20 ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިއަހަރުގެ ސްޓޫޑެންޓް ލޯނުގެތެރޭގައި ސްޕެޝަލް ނީޑް ހުރި ދަރިވަރުންނަށް  ހާއްސަ ސްލޮޓަތަކެއް ރިޒާވް ކޮށްފައިވާނެ ކަމަށާއި، އެފަދަ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް ކިޔެވުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރު ވަނީ ޕީއެޗްޑީ 15 ފުރުސަތު ހުޅުވާލާފައެވެ. އެއީ މުޅިން އަލަށް ޕީއެޗްޑީ ހެދުމަށް ބޭނުންވާ ދަރިވަރުންނަށް ހުޅުވާލާފައިވާ ފުރުސަތުތަކެވެ. މިނިސްޓަރ ވިދާޅުވީ މިއީ ކޮލެޖް، ޔުނިވަސިޓީތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން އެތަންތަނުގެ އެކަޑަމިކް ސްޓާފުންގެ ތެރެއިން މި ފުރުސަތު އެދޭ ފަރާތްތަކަށް ހާއްސަ ލޯނު ފުރުސަތުތަކެއް ކަމަށެވެ. އެފަދަ ފަރާތްތަކުން ލޯނަށް އެދި ހުށަހަޅާއިރު ކޮލެޖް ނޮމިނެޝަން ލެޓަރ އެއް އޮތުން ލާޒިމުވާނެއެވެ.

މީގެ އިތުރުން މިއަހަރު ދޫކުރާ ސްޓޫޑެންޓް ލޯނުތަކުގެ ތެރޭގައި އަމިއްލަ އިހްތިޔާރުން ބޭރުން ދިމާވި ސަބަބުތަކާއި ހުރެ ލޯނު ފައިސާ ހުސްވި އިރުވެސް ކިޔެވުން ފުރިހަމަ ނުކުރެވޭ ދަރިވަރުންގެ ތެރެއިން 120 ދަރިވަރަކަށް ކިޔެވުން ފުރިހަމަ ކުރުމަށް ލޯނު ދެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޫޑެންޓް ލޯނުގެ ފުރުސަތު މިއަހަރު ހުޅުވާލާފައިވަނީ އިދާރީ ފީ 1 ޕަސެންޓަށް ކުޑަކޮށްފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން ސްޓޫޑެންޓް ލޯނުގެ ފުރުސަތު ކޮންމެ އަހަރަކުވެސް ހުޅުވާލާ ކަމަށާއި، އެއް އަހަރުވެސް ވައްޓާނުލާ ކޮވިޑްގެ ތެރޭގައިވެސް އެ ފުރުސަތު ދެމުން އައި ކަމަށެވެ. މިއަހަރު ވަނީ 720 ފުރުސަތު އިއުލާނުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *