ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު މިހާތަނަށް 309 ބޭފުޅަކަށް ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ ބޭފުޅުންނަށް އިނާމު ދޭން ސަރުކާރުން ފެށީ 2021 ވަނަ އަހަރުކަން ފާހަގަކުރައްވާ ރައީސް ވަނީ ދިމާވި އެކި ސަބަބުތަކާހުރެ މިދިޔަ އަހަރު އެ އިނާމުތައް ނުދެވުނުކަމަށާ މި އަހަރަށް ފަސްކޮށްލަން ޖެހުނުކަމަށް ވިދާޅުވެފައެވެ. 2021 ވަނަ އަހަރު، ބޭއްވި ދެ ޖަލްސާއެއްގައި ޖުމްލަ 223 ބޭފުޅަކަށް މި އިނާމު އަރުވާފައިވާކަމަށާ އެގޮތުން މިރޭގެ ޖަލްސާގައި ޖުމްލަ 86 ބޭފުޅަކަށް އިނާމު އަރުވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. 

މިރޭގެ މި ޖަލްސާއާ އެކީގައި މިހާތަނަށް 309 ބޭފުޅަކަށް މި ޝަރަފު އެރުވިއްޖެ. އެހެން ނަމަވެސް، ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭފުޅުން އަދިވެސް އެބަ ތިއްބެވި."

ރައީސް ވަނީ އެ ބޭފުޅުން، ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވީ، ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއްކަން ފާހަގަކުރައްވާ ކޮންމެ މަޤާމެއްގައި ހުންނެވި ނަމަވެސް، މަޤާމުގެ ވާޖިބުތައް އަދާކުރެއްވުމުގައި ފަސްޖެހުމެއް ނެތި، ވަފާތެރިކަމާއެކު ކޮށްދެއްވި ޚިދުމަތްތަކަކަށްވާތީ، ޤައުމީ ޚިދުމަތުގެ ތަރާދުގައި އެއީ، ވަރަށް ބުރަދަން ހުރި ޚިދުމަތްތަކެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ދެންމެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ބައި ޤަރުނަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅަކާއި، ބައި ޤަރުނާ ކައިރިވާ މުއްދަތަށް ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވި ބޭފުޅަކު އެބަ ހިމެނިވަޑައިގަންނަވާ. އާދެ، 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭފުޅަކީ މައްޗަންގޮޅި ބޮޑުގަލުމާފަތްގޭ ޞާބިރާ ވަޙީދު."

މިހާ ދިގު މުއްދަތެއްގައި އަންހެން ބޭފުޅަކު ދައުލަތުގެ ޚިދުމަތުގައި ދެމިހުންނެވިކަން އެއީ، ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެއީ މިއަދު ޚިދުމަތުގައި ދެމިތިއްބެވި އަންހެން ބޭފުޅުންނަށް އޭނާ ދެއްކެވި ވަރަށް ރީތި މިސާލެއް ކަމަށާ ޞާބިރާ ވަޙީދު 2016 ވަނަ އަހަރު ދައުލަތުގެ ޚިދުމަތް ނިންމަވާލެއްވީ، 50 އަހަރާއި 8 މަސް ދުވަސް ވަންދެން ތަފާތު އެތައް ދާއިރާއެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަނެއް ބޭފުޅަކީ، ދައުލަތުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވި، ހެންވޭރު އިރުވައި އިސްމާޢީލް ރަޝީދު. އޭނާ އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވީ އަތޮޅުތަކާބެހޭ ވުޒާރާގައި. އިސްމާޢީލް ރަޝީދަކީ، 6 އަތޮޅެއްގެ އަތޮޅުވެރިކަން ކުރެއްވި، އަދި ހިންގުމުގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެއް. އޭނާއަކީވެސް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު، ޤައުމަށް ޚިދުމަތް ކުރެއްވި ހަރުދަނާ ޝަޚްޞިއްޔަތެއް. ކުރެއްވި ކޮންމެ ކަމެއްވެސް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ކުރެއްވި ބޭފުޅެއް."

ރައީސް ވަނީ ޞާބިރާ ވަޙީދަށާއި، އިސްމާޢީލް ރަޝީދަށް އަދި އެކި މުއްދަތުތަކުގައި ދައުލަތަށް ޚިދުމަތް ކުރައްވައިގެން މިރޭ އިނާމު ޙާޞިލް ކުރެއްވި ހުރިހާ ބޭފުޅުން، އެ ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރަމުން އެހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވައި ތަހުނިޔާ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *