މާލެއިން ގެއްލިގެން ހޯދަމުންދާ އައްޑޫ މަރަދޫފޭދޫ ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް ހޯޯދުމަށް އެކިސަރައްހައްދު ތަކުން 150 ގަޑިއިރުގެ ފުޓޭޖް ނަގައިގެން ބަލާފައިވާ ކަމަށާ އަދިވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ އާސިރު ހޯދުމަށް، އޭނާ ދިރިއުޅޭ ގެ ހ. އަލްޝާވިލާ ހިމެނޭ ސަރަހައްދު ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިހުރި ފުލުހުންގެ ކެމެރާތަކާއި ވެލާނާ އިންޓަނޭޝަން އެއާޕޯޓުގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކެމެރާތަކާއި ޓީއެމްއޭގޭ ކެމެރާތަކާއި އެއާޕޯޓު ފެރީ ހުންނަ ސަރަހައްދުގެ ކެމެރާ ހިމެނޭހެން 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު މިހާތަނަށް ބަލާފައިވާ ކަމަށެވެ.

އެގޮތުން ބެލިބެލުމުން، މި މަހުގެ ހަތަރުވަނަ ދުވަހުގެ 20:19 ހާއިރު އާސިރު ބޮޑުތަކުރުފާނު މަގު، ހުޅުމާލެ ފެރީޓާމިނަލް ކައިރިން ހުދުކުލައިގެ ޓެކްސީއެއްގައި އެއާޕޯޓަށް ގޮސް އެއާޕޯޓު ޓާމިނަލަށް ވަންނަކަން ފުލުހުންގެ ސީސީޓީވީ އިން ލިބިފައިވާ ފުޓޭޖްތައް އެނަލައިޒް ކޮށްގެން ހޯދިފައިވާ ކަމަށާއި އެހެން ނަމަވެސް އާސިރު އެއާޕޯޓަށް ވަންނަ ސަހަރަހައްދުގައި އިތުރު ކެމެރާއެއް ނެތުމުން، ދެން ދިޔަ ހިސާބެއް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

އާސިރު ހޯދުމަށް އެއާޕޯޓް ފަޅުގައިހުރި ހުރިހާ އޮޑިދޯނިފަހަރާއި ލޯންޗްތައް ބަލައި އެ ސަރަހައްދުގައި އާންމުކޮށް އުޅޭ މީހުންނަށް އާސިރު ފޮޓޯ ދައްކައިގެން އެމީހުންނަށް ފެނިފައިވޭތޯ ބަލާފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ. އަދި އެއާޕޯޓްގެ އެކި ސަރަހައްދުތައް ބަލައިފާސްކުރުމުގެ އިތުރުން އެއްވެސް ބުކިންގއެއް ހަދާފައިވޭތޯ ބަލާފައިވާއިރު އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ނުދާކަމާއި އެއްވެސް އެއާލައިނަކުން ރާއްޖޭގެ އެއްވެސް ރަށަށް ނުދާކަން ޔަގީންކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެއިތުރުން އާސިރު އެއާޕޯޓަށް ދިއުމަށް އެރި ޓެކްސީ އައިޑެންޓިފައިކޮށް އެ ޓެކްސީގެ ޑްރައިވަރާ ތަހުގީގު ޓީމުން ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ. އަދި މާލެއާއި ހުޅުމާލެއާއި ވިލިމާލެ އަދި މާފުށީގެ ހުރިހާ ގެސްޓުހައުސްތަކާއި އަތޮޅުތެރޭގެ ގެސްޓްހައުސް ތަކުން އެއްވެސް ހިދުމަތެއް ހޯދާފައިވޭތޯ ބެލުމުގެ މަސައްކަތުގެ އިތުރުން، މާލެ ސަރަހައްދުގެ ކައިރި ރަށްރަށާއި ރާއްޖޭގެ އެއްވެސް ރަށެއްގައި އާސިރު އުޅޭތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

އާސިރު އިސްމާއީލް ހޯދުމުގެ މަސައްކަތް ތަހުގީގު ޓީމުން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *