2017 ވަނަ އަހަރު ވަޅިން ހަމަލާދިނުމަށް ފަހު ހުލުމާލޭގައި ހާރިސް މަރާލި މައްސަލަ ހައި ކޯޓްގައި އިސްތިއުނާފް ކޮށްފިއެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިންގާ ހާފްވޭ ހައުސް ކައިރީގައި 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހާރިސްގެ ގަޔަށް ވަޅި ޖަހައި މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ޏ. ފުވައްމުލަކު ހިލްޓަން، ޔާމީން ރަޝީދުގެ މައްޗަށެވެ.
އެމައްސަލަ އާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ޔާމީން ރަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރުމާ ގުޅިގެން، އެ މައްސަލަ ފެބްރުވަރީ 12 ވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.
ހާރިސް މަރާލީ ކ. ހިންމަފުށީ ޑްރަގް ރިހިބެލިޓޭޝަން ސެންޓަރުން ފަރުވާ ހޯދުމަށް ފަހު ހުޅުމާލެ ހާފްވޭ ހައުސްއަށް ދާން ވެގެން އެ ތަނަން ވަންނަން އުޅެނިކޮށެވެ. ހުޅުމާލެ ހާފްވޭ ހައުސްއަކީ މަސްތުވާތަކެތީގެ ފަރުވާ ހޯދާ މީހުން ބައިތިއްބާ ތަނެކެވެ.
ދައުލަތުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ މަރުގެ ހުކުމް އިއްވާނެ އެވެ. ވާރިސަކު މައާފުކޮށްފިނަމަ މަރަށް މަރު ހިފުމުގެ ހުކުމުން ސަލާމަތްވާނެ އެވެ. ނަމަވެސް ޖަލު ހުކުމެއް އަންނާނެ އެވެ.