ވައިގެ މަގުން ރާއްޖެ އައި ބްރެޒިލް ރައްޔިތެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މަސްތުވާތަޖކެތި އަތުލައިގެންފައިވަނީ ގަތަރުގެ ދޯހާއިން މިމަހުގެ 6 ވަނަ ދުވަހު ރާއްޖެއައި ބްރެޒިލްގެ، 23 އަހަރުގެ އަންހެން ފަސިންޖަރެއްގެ ލަގެޖުންނެވެ.
ކަސްޓަމްސް އިން ބުނީ އެ އަންހެންމީހާގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން އޭނާގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.6 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 6.5 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ޝާމިލުވާ އަންހެންމީހާ ވަނީ، ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއިއެކު، ރާއްޖެއަށް އެތެރެވިޔަނުދީ، މޯލްޑިވްސް އިމިގްރޭޝަނުން އަނބުރާ ފޮނުވާލާފައެވެ. އަދި އޭނާގެ ލަގެޖުން އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކޮށްފައި ކަމަށްވެސް ކަސްޓަމުންވަނީ ބުނެފައެވެ.