މާލޭ ސިޓީ ކައުންސިލްގެ ދެ އުސޫލެއް ބާތިލުކުރަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވައިފި އެވެ.
ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައި ވަނީ, ގާނޫނަކުން ބާރު ލިބިގެންވާ ހަދާފައިވާ ގަވާއިދެއް ނުވަތަ އުސޫލެއް, ގާނޫނާ ޚިލާފުވާކަމަށް ބުނެ ހުށަހަޅާ މައްސަލަތަކުގައި އެކަމުގެ ސަބަބުތައް ތަފުސީލުކޮށް ބަޔާންކުރަން ޖެހޭއިރު، ސްޓެލްކޯއިން އެ މައްސަލާގައި އެ ސަބަބުތައް ތަފްސީލުކޮށް ބުނެދީފައި ނުވާކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލައިނުގަތުމަށް ނިންމީކަމަށް ނިންމުމުގައި ވަނީ ބަޔާންކޮށްފައެވެ.
ސްޓެލްކޯއިން މި މައްސަލަ ހުށަހަޅާފައިވަނީ, މަގު ކޮނުމުގެ ފީ ބޮޑުވާ ގޮތަށް މާލޭ ސިޓީ ކައުންސިލުން އުސޫލެއް ހަދާފައިވަނީ ގްރޭޓަރ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް، ދޭ ޚިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި ކަމަށް ބުނެއެވެ. އަދި އެއީ ގާނޫނާ ޚިލާފު އުސޫލެއް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ސިޓީ ކައުންސިލުން އެ އުސޫލުތައް ކަނޑައެޅުމުގެ ކުރިން މަޝްވަރާކުރަންޖެހޭ އެއްވެސް ފަރާތަކާއި މަޝްވަރާކޮށްފައި ނުވާ ކަމަށާއި ބައެއް އަގުތައް 154 އިންސައްތަ މަތި ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ސްޓެލްކޯއިން ކަރަންޓުގެ އަގު ކުޑަކުރުމުގެ ގޮތުން، ކެޕޭސިޓީ އިތުރުކޮށް ޓްރާންސްފޯމަރުތައް ބޮޑުކުރުމަށް ހުއްދައަށް އެދުމުން ވެސް ސިޓީ ކައުންސިލުން އެކަމަށް އެއްބާރުލުން ދީފައިނުވާކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.