ޚަބަރުރިޕޯޓްސިޔާސީ

ނަފްސާނީ ފަރުވާގެ ގަރާރު ސިޔާސީ ޖޯކަކަށްވެ، ނަފްސާނީ ބަލިތަކާއި އަޅުވައި ކުރީ މަލާމާތް!

ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށައި ތަޅުމުގެ މަސައްކަތް ފެށީ މިއަދެވެ. މިއަދު އޮތީ ކަމުގެ ގޮތުން ބަލާނަމަ މުހިންމު ގަރާރެއްގެ މަސައްކަތެވެ. ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި ގަރާރުގައި ވަނީ ނަފްސާނީ ފަރުވާ ރާއްޖޭގައި ފޯރުކޮށްދިނުން ހަރުދަނާކުރުމަށެވެ.

ހުށަހެޅި ގަރާރާއި މިމައްސަލައަށް ބަލާއިރު ނަފްސާނީ ބަލިތަކަށް އަޅައިލާ، އެކަމަކީ ހަމައެކަނި ޕްރައިވެޓް ކްލިނިކްތަކުން ފޯރުކޯށްދިނުމަށް ދޫކޮށްލައިގެން ތިބެވޭ ވަރަށްވުރެ ސީރިއަސް އަދި ހަރަދު ބޮޑު މައްސަލައެއްކަން ދަނެ އެކަމަށް ހައްލެއް ގެނައުމަށް ފެށީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެވެ. މާލެ ސަރަހައްދުގައި ސަރުކާރުގެ ދެ ހޮސްޕިޓަލެއްގައި އަދި އަތޮޅުތެރޭގެ ފަސް ސަރަހައްދެއްގައި މިފަދަ ކްލިނިކްތައް ގާއިމްކުރީ މިސަރުކާރުންނެވެ.

ގަރާރުގައި ރަނގަޅު ކަންތައްތަކެއް ހުރިކަން ފާހަގަވިނަމަވެސް، ބަހުސް މަރުހަލާގައި ފާހަގަވެގެންދިޔަ ކަމަކީ މެމްބަރުންނަށް ގަރާރުގެ މަގްސަދު ހަނދާން ނެތިގެންދިޔަކަމެވެ. ހަރުދަނާ، އޮއްޓަރެއް ހުރި ވާހަކައެއް ދެއްކުމުގެ ބަދަލުގައި ގަރާރު ބަދަލުވެގެން ދިޔައީ ސިޔާސީ ޖޯކަކަށެވެ. ނަފްސާނީ ބަލިތަކާއި އަޅުވައި އެއް ބަޔަކު އަނެއް ބަޔަކަށް ކުރީ މަލާމާތެވެ. މެމްބަރުންގެ ވާހަކަތައް ނިމިގެންދާއިރު ވަށައިގެން ތިއްބެވި ހުރިހާ މެމްބަރުންނަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންގެ ގޮތުގައި ވަނީ ނިމިފައެވެ. ސިޔާސީގޮތުން ކުރާ ހުރިހާ ކަމަކީ އެއީ ނަފްސާނީ ފަރުވާ ބޭނުންވާތީ އުޅެވޭ ގޮތްކަމަށް ވަނީ ނިމިފައެވެ. މިއިން މެމްބަރަކަށް ނަފްސާނީ ބައްޔަކާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގިފައިނުވާ ކަމާއި އެއީ ކިހާވަރެއްގެ ކަމެއްކަން އެއްވެސް ވަރަކަށް ދޭހަނުވާކަން ސާފުކޮށް ހާމަވެއެވެ.

މީގައި މަދު މެމްބަރެއް ފިޔަވައި އިދިކޮޅު މެމްބަރެއް، ސަރުކާރަށް ނިސްބަތްވާ މެމްބަރެއް ތަފާތެއް ނުވެއެވެ. ބަހުސް ކުރުމަށް ލިބޭ ފުރުސަތު ނިމިގެންދާއިރު ގަރާރާއި ގުޅުންހުރި އެއްވެސް ވާހަކައެއް ދެކެވިފައިނުވެއެވެ. އެއް މެމްބަރަކު އަނެއް މެމްބަރަށް އިނގިލި ދިއްކުރައްވައި ވިދާޅުވަމުން ގެންދެވީ އެބޭފުޅުންގެ އަމަލުތަކުން ދޭހަވަނީ ނަފްސާނީ ބަލިމަޑުކަން ކަމަށެވެ. ސަމާސާއަކަށް ހަދައި މިފަދަ ވާހަކަތައް ދެއްކުމުން އެފަދަ ކަންކަން ތަހައްމަލު ކުރާ މީހުންނާއި އެމީހުންނާއެކު އެކަމުގައި ޝާމިލްވާ އާއިލާ މީހުންނަށް އެކަމުން ކުރެވޭނެ އިހުސާސް، ރައްޔިތުން ތަމްސީލްކުރަން އިންތިޚާބުކޮށްފައިވާ މެމްބަރުންނަށް އިހުސާސް ނުވިއެވެ.

ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންގެ ވާހަކަތަކުގައި ވިދާޅުވަމުން ގެންދެވީ ރިޔާސީ ބަޔާން އިއްވެވުމަށް ފުރުސަތު ނުދީ އެތަނުގައި ބަހައްޓާފައިވާ ގަސްތަކާއި ދިމާލުގައި އިހުތިޖާޖުކުރައްވަމުން ގެންދެވީ އެއީ ނަފްސާނީ މައްސަލަ ހުންނާތީކަމުގައެވެ. އަދި މީގެ ކުރިން ކުރަމުންދިޔަ ވައްކަންތައް މިހާރު ނުކުރެވޭތީވެސް އެފަދަ ނަފްސާނީ މައްސަލަތައް ދިމާވާނެ ކަމުގައި ވިދާޅުވަމުންގެންދެވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕީޕީއެމް އަދި ޕީއެންސީ މެމްބަރުންނަށް ދިމާވެފައި އެވާ ނަފްސާނީ ބަލިތަކަށް އެބަޖެހޭ ފަރުވާ ދޭން" މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު

ސަރުކާރާއި އިދިކޮޅު މެމްބަރުންގެ ވާހަކަތަކުގައިވެސް ގަރާރާއި ގުޅުންހުރި އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ. މުޅިންވެސް ދެއްކެވީ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވި ވާހަކައާއި ޖޭއެސްސީ އިސްލާހު ނުކުރާ ވާހަކައާއި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ތަޅާފޮޅުން ހިނގި ވާހަކައެވެ.

ބައެއް މެމްބަރުންގެ ވާހަކަތަކުގައި މަޖިލީހުގައި ކަން ހިނގާ ގޮތް ފެނި، އަޑު އިވި އާންމުން ރައްޔިތުން ނަފްސާނީވާނެކަމަށް ވިދާޅުވެފައިވެއެވެ.

ގަރާރާއި ގުޅުމެއް ނެތް އެތައް ވާހަކަތަކެއްގައި ދެ ގަޑިއިރެއްހާއިރު ބަހުސް މަރުހަލާގައި ހޭދަވެގެންދިޔައިރު، ގަރާރާއި ގުޅޭ ވާހަކައެއް ދެއްކެވުމަށް ރިޔާސަތުންވެސް އިލްތިމާސްވެސް ކޮށްފައިނުވެއެވެ. އަދި ސިއްހީ، އިޖްތިމާއީ ބޮޑު މައްސަލައެއްގެ ވާހަކަ ދެކެވުމަށް ހުޅުވާލާފައިވާ ފުރުސަތުގައި އޭގެ ނާޖައިޒް ފައިދާ ނަގައި އެކަކު އަނެކަކަށް ނަފްސާނީ ބަލިމަޑުކަން ހުންނަ މީހުން ކަމުގައި ބުނެ ފުރައްސާރަކުރުމަކީ އެއީ އެދެވޭ ކަމެއް ނޫންކަމުގައި ހަނދާންކޮށްދިނުންވެސް މިއަދު ރިޔާސަތަކަށް މުހިންމެއް ނުވިއެވެ. ރިޔާސަތުން އަމަލުކުރާ އާންމު އުސޫލަކީ ބިލެއް ނުވަތަ ގަރާރެއްގެ ބަހުސް މަރުހަލާ ކުރިއަށް ދާނަމަ، އެމައުޟޫއާއި ގުޅޭ ވާހަކަ ނުދެކެވޭނަމަ އެކަން ފާހަގަކޮށް ގުޅޭ ވާހަކަތައް ދެއްކުމަށް އިލްތިމާސްކުރުމެވެ.

މީގެ ކުރިންވެސް މިފަދަ މައްސަލަތައް މަޖިލިސް މެމްބަރުންގެ ކިބައިން ފެނިފައިވެއެވެ. މީގެއްގެ ކިބައިން ހިތްހަމަ ނުޖެހޭ ކަމެއް ފެނުމުން އެއީ "އޯޓިސްޓިކް މީހެއް"ކަމަށް މަޖިލީހުގެ ތެރޭގައި ވިދާޅުވަމުން ގެންދިޔުމުން އެމައްސަލަވެސް ހޫނުވެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

2023 ވަނަ އަހަރު މަޖިލީހުގެ ތަޅުމުގެ މަސައްކަތް ކުރި ފުރަތަމަ ދުވަހުވެސް ފެނިގެން ގޮސްފައިމިވަނީ މާޔޫސްކުރުވާ ކަހަލަ ކަންކަމާއި ވާހަކަތަކެވެ. މަޖިލީހުގެ ޖަލްސާ ފެށީ 75 މެމްބަރުންގެ ތެރެއިން 37 މެމްބަރުންނާއެކުއެވެ. ރައްޔިތުންގެ ހައްގުގައި އޮއްޓަރެއް ހުރި، ހަރުދަނާ ވާހަކައެއް ދެއްކެވީ ދެތިން މެމްބަރެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

0
0
0
0
1

ކޮމެންޓް

Your email address will not be published. Required fields are marked *

0 %