ޖާމަނީގެ ބާލިންގައި މިއަހަރު ބާއްވާ އައިޓީބީ ފެއާގައި ބައިވެރިވާ ފަރާތްތަކަށް ވިސާ ހޯދުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ރާއްޖޭގައި ހުންނަ ޖާމަނީ އެމްބަސީ އާއި ވީއެފްއެސް ސެންޓަރާއި ގުޅިގެން މަގުފަހިކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
މިއަހަރުގެ އައިޓީބީ ފެއާ އޮންނާނީ 7 -8 މާޗް ގައެވެ. މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީންނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިސާ ލިބިފައި ނުވާ ފަރާތްތަކާއި ވިސާ ހޯދުމަށް މިހާތަނަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަށް ހުށަހަޅާފައި ނުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދޭ ކަމަށެވެ.
އަދި އީމެއިލް ކުރައްވާއިރު ފުރިހަމަ ނަން، މަޤާމު، މީގެ ކުރިން ޝެންޖަން ވިސާ ހޯދާފައިވާ މީހުންގެ ޝެންޖަން ވިސާ ޕޭޖް ހިމެނޭ ގޮތަށް ޕާސްޕޯޓް ޑޭޓާ ޕޭޖް ކޮޕީ، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށް ފޮރިން މިނިސްޓްރީން އިރުޝާދު ދެއެވެ.
މިނިސްޓްރީން ބުނީއެމްއެމްޕީއާރްސީ އާއި މައުލޫމާތު ހިއްސާކޮށްފައިވާ ފަރާތްތަކަށް ވިސާ އެޕޮއިންޓްމެންޓް ހަމަޖެހޭ ތާރީހާއި ގަޑި އެންގުމަށް ރާއްޖޭގައި ހުންނަ ވީއެފްއެސް ސެންޓަރުން ގުޅާނެ ކަމަށެވެ.
އައިޓީބީ ވިސާއާއި ގުޅޭ އިތުރު ސުވާލެއް އޮތްނަމަ [email protected] އަށް އީމެއިލް ކުރުމަށް މިނިސްޓްރީން އެދެއެވެ.