ވިލިމާލޭގައި ހުންނަ ސިނަމާލެ 4، ގެ ފްލެޓްތައް އަމިއްލަ ކުރުމާއި ބެހޭ އެއްބަސްވުންތަކުގައި ބޮޑެތި މައްސަލަ ތަކެއް ހުރިކަން ދާއިރާގެ ކައުންސިލަރުގެ ހައިސިއްޔަތުން ފާހަގަކޮށް މާލެ ސިޓީ ކައުންސިލުގެ ޖަލްސާއަކަށް އެޖެންޑާ ކޮށްދޭން އެދުމުން އެކަން ނުކޮށް އެ ފްލެޓްތަކުގެ އާއިލާތަކަށް މަޖުބޫރުކޮށްގެން ސޮއި ކުރުވަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ ތުހުމަތު ކުރައްވައިފިއެވެ.
ވިލިމާލޭގައި ހުންނަ ސިނަމާލެ 4، ގެ ފްލެޓްތައް އަމިއްލަ ކުރުމާއި ބެހޭ އެއްބަސްވުންތައް ސޮއި ނުކުރެވި ލަސްވެގެންދާތީ މި މައްސަލަ އެޖެންޑާ ކުރުމަށް އަޅުގަނޑު ހުށަހަޅާފައިވާ 2 ވަނަ ހަފްތާ މިހާރުމީ، މި އެގްރިމެންޓް އަޅުގަނޑަށް ފެނިފައިވަނީ އެޖެންޑާ ކުރަން ފޮނުވި ތާރީހުގައި މި އެއްބަސްވުންތަކުގައި ސޮއި ކުރަން މާލެ ސީޓީ ކައުންސިލުން 33 އާއިލާއަށް އެންގި ހިސާބުން.
ނަހުލާ ވިދާޅުވީ އެއްބަސްވުންތަކުގުައި ސޮއި ކުރުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރީ ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވަނިކޮށް އެ ދުވަހު ކަމަށެވެ.
އަދި އެ އެގްރިމެންޓްތަކުގއި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް އެކަން ހައްލުކުރުމަށް އެދުމުންވެސް ސިޓީ ކައުންސިލުގެ ރަސްމީ ޖަލްސާއަކަށް އެ މައްސަލަ އެޖެންޑާކޮށްދީފައި ނުވާ ކަމަށާއި، އެކަމަށް ދީފައިވަނީ ބީރު ކަންފަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ފްލެޓްތަކުގެ އާއިލާތަކާއި ނަހުލާ ބައްދަލުކުރެއްވުމަށްފަހު ވިދާޅުވީ މިކަމުގެ ސަބަބުން ސިނަމާލެ 4، ގައި އުޅޭ އާއިލާތައް ތިބީ ހިތް ނުތަނަވަސް ކަމާއި ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.
ނަހުލާ ވިދާޅުވީ މި މައްސަލަ ހައްލުކޮށްދެއްވާ އެއްބަސްވުންތަކުގައި ހުރި މައްސަލަތައް އިސްލާހުކޮށްދެއްވާ ރަނގަޅު ކުރެވިފައިވާ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ އިންތިޒާމް އަވަހަށް ހަމަޖައްސައިދެއްވުމަށް މޭޔަރަށް ދަންނަވާ ކަމަށެވެ.
ނަހުލާ ވިދާޅުވީ މި އެއްބަސްވުމުގެ ސުރުހީގައި އޮންނަނީ ސިނަމާލެ ފްލެޓް ކުއްޔަށްދޫކުރުމާއި ބެހޭ އެއްބަސްވުން ކަމަށާއި، އެހެންނަމަވެސް އޮންނަން ޖެހޭނީ "ފްލެޓް އަމިއްލަ ކުރުމާއި ބެހޭ އެއްބަސްވުން" މިހެން ކަމަށެވެ.
ދެވަނަ ކަމަކަށް ނަހުލާ ފާހަގަ ކުރެއްވީ މި އެއްބަސްވުމުގައި، ފާއިތުވެދިޔަ ތަނުގައި ދައްކަން ހުރި ފައިސާގެ އަދަދު އެނގެން ނެތުމާއި އަދި ކުރިޔަށް އޮތް ތަނުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުގެ ތަފްސީލުތައް އެއްވެސް ވަރަކަށް ފާހަގަކޮށްފައި ނެތް ކަމަށެވެ.
ތިންވަނަ ކަމަކަށް ނަހުލާ ވިދާޅުވީ ކައުންސިލް ބައްދަލުވުމަކަށް ހުށަހަޅައިގެން 20 އަހަރުދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސްކުރުމަށް 20 އަހަރަށް ބަހާލައިގެން މިކަން ކުރުމަށް ކައުންސިލަށް ހުށަހަޅާ ފާސް ކޮށްފައިވާ ކަމަށެވެ.
އެކަމަކު މި އެއްބަސްވުމުގައި މި އޮންނަނީ، ބައެއް ބޭފުޅުންގެ އެބަހުރި 7 އަހަރު ދުވަހަށް 8 އަހަރުދުވަހަށް. އެހެން ހުރީމަ މިވާ ގޮތަކީ ވަރށް ބޮޑެތި އަދަދުތައް އަނެއްކާވެސް މަހުންމަހަށް ދައްކަން މިޖެހެނީ. އަނެއްކާވެސް މި ފައިސާ ނުދެއްކި ޖޫރިމަނާތައް އަރާ މިކަންތައްތައް ދިމާވެދާނެތީ ކައުންސިލު ބައްދަލުވުމަށް އަޅުގަނޑު ހުށަހެޅީ 20 އަހަރު ތެރޭގައި ފައިސާ ދައްކާ ހަލާސްކޮށް ނިންމުމަށް
ނަހުލާ ވިދާޅުވީ 20 އަހަރު ދުވަހަށް ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް ކައުންސިލަށް ހުށަހަޅާ ނިންމާފައިވާ ނިންމުމެއް އޮތް މި ކަމުގައި އޭނާ ގަބޫލުކުރައްވާ ގޮތުގައި ހުރިހާ އެއްބަސްވުމުގައިވެސް އޮންނަންވާނީ 20 އަހަރު ދުވަހަށް ކަމަށެވެ.
އަދި އެއްބަސްވުމުގައި ނެތް ނަމަ ޖޫރިމަނާތަކާއި މެއިންޓެނެންސް ފީވެސް ފާއިތުވި ތަަނަށް ނަގަން ނުޖެހޭނެ ކަމަށާއި ސަރުކާރުންވެސް އަމަލުކުރަނީ އެ އުސޫލުން ކަމަށް ނަހުލާ ފާހަގަ ކުރެއްވިއެވެ.
ނަހުލާ ވިދާޅުވީ ސިޓީކައުންސިލުން ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތައް ލައްވާ ސޮއި ކުރުވާފައިވާ ބައެއް އެގްރިމެންޓްތަކުގައި ފާއިތުވެ ދިޔަ ތަނުގައި ދައްކަން ޖެހޭ މެއިންޓެނެންސް ފީގެ ގޮތުންގައި 30 ހާހުން 40 ހާހުން ބޮޑެތި އަދަދުތައް އެބަހުރި ކަމަށާއި، އެހެންނަމަވެސް އެއީ ދައްކަން ޖެހޭނެ އެއްޗެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.