ރައީސް މުހައްމަދު ނަޝީދު

އިދިކޮޅުން މަޖިލީހުގައި އަޑުގަދަކުރަމުންދާތީ މެމްބަރުންނަށް ވާހަކަދެއްކުމަށް ދަތިވެއްޖެއެވެ.

މަޖިލީހުގައި މިވަގުތު ކުރިއަށްދަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހަޅުއްވާފައިވާ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާ ހަރުދަނާކުރުމަށް ގޮވާލައްވާ ހުށަހެޅުއްވި ގަރާރުގެ މަސައްކަތެވެ.

ތަޅުމުގައި އެމްޑީޕީގެ މެންބަރަކު ބަހުސްކުރައްވަމުން ދަނިކޮށް ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުން ވަނީ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ، ޖޭއެސްސީ އިސްލާހުކުރުމަށް ގޮވާލާފައެވެ. އަދި އެމްޑީޕީއަށް ފާޑުކިޔުންތައް އަންނަނީ އަމާޒުކުރަމުންނެވެ.

އިދިކޮޅު މެމްބަރުން އެންމެ ފުރަތަމަ އަޑުގަދަކުރައްވަން ފެއްޓެވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވާހަކަ ދައްކަވަނިކޮށެވެ. މެމްބަރު ޝަހީމަށް ވާހަކަ ދެއްކުމަށް އުނދަގޫވެ އެކަން ފާހަގަ ކުރެއްވުމުން ރައީސް ނަޝީދު އެކަމަށް ސަމާލުކަމެއް ދެއްވާފައެއް ނުވެއެވެ. އެހެންކަމުން މެމްބަރު ވަނީ ފުރުސަތު ދޫކޮށްލައްވާފައެވެ.

އެއަށްފަހު ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވާހަކަފުޅު ދައްކަވަން ފެއްޓެވުމުންވެސް އަޑުގަދަކުރުން ކުރިއަށް ގެންގޮސްފައިވެއެވެ. މެމްބަރު ޝަހީމް އެވަގުތުވެސް ނިޒާމީ ނުކުތާއެއް ނަންގަވައި، މެމްބަރުން ދައްކަވާ ވާހަކަ ސާފުނުވާ މިންވަރަށް ނިޒާމް ގެއްލިފައިވާކަމަށް ވިދާޅުވިއެވެ.

ދައްކަވާ ވާހަކަތައް ސާފު ނުވާންވީ ސަބަބެއް ނެތްކަމަށް ދޭހަވާ އިބާރާތަކުން ނިޒާމީ ނުކުތާއަށް ޖަވާބު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ މައިކް ތަކުގައި މައްސަލައެއް ނެތް ކަމަށެވެ.

އޭގެ އިރުކޮޅެއް ފަހުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ނިޒާމީ ނުކުތާއެއް ނަންގަވާ މަޖިލީހުގެ ނިޒާމް ގެއްލިފައިވާކަމަށް ދެކިނުލައްވަނީތޯ އާއި މަޖިލީހުގެ ރައީސް ޒިންމާ އަދާކުރައްވަމުން ގެންދަވަންތޯ ސުވާލުކުރެއްވިއެވެ. ޖަވާބުގައި ނަޝީދު ވިދާޅުވީ ނިޒާމް ނުގެއްލޭކަމަށާއި މަޖިލީހުގެ ރައީސްގެ ޒިންމާ އަދާކުރެއްވުމަށް އެނގިލައްވާކަމަށެވެ.

އިއްޔެގެ ޖަލްސާގައިވެސް އިދިކޮޅު މެމްބަރުން ގެންދެވީ އަޑުގަދަކުރައްވާ ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އަޅުއްވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *