ރައީސް ނަޝީދާއި މެމްބަރު އަބްދުލްޣަފޫރު މޫސާ

އާސަންދަ ހަރަދު ބޮޑުވީ އެމްޑީޕީގެ ޕްރައިމަރީއާއި ގުޅިގެން ނޫންކަމަށް ވިދާޅުވެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ރިޔާސަތުގައި އިންނަވާ ރައީސް މުހައްމަދު ނަޝީދު ވަނީ ވީކްލީ ފިސްކަލް ރިޕޯޓަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޖެނުއަރީ 2022އާއި ޖެނުއަރީ 2023އާއި އަޅާބަލާއިރު އާސަންދައިގެ ހަރަދު މިއަހަރު ހަތަރު ގުނަ އިތުރުވެފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

"އާސަންދައަށް މިދިޔަ ޖެނުއަރީ މަހު 67.9 މިލިއަން ރުފިޔާ ހަރަދުކުރެވުނީ. މިއަހަރުގެ ޖެނުއަރީ މަހު 283.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ. ދެން އެއީ އެތެރޭގެ އިންތިހާބަކާ ގުޅިގެން އައި ބަދަލެއްތޯ ނުވަތަ ހަގީގަތުގައި ވެސް ބަލި މީހުން ގިނަ ވީތޯ. އެކަމާއި ސުވާލުކުރާނީ ތި މެމްބަރުން"

ރައީސް ނަޝީދު ވިދާޅުވީ މިއީ ހަގީގަތުގައިވެސް ބަލި މީހުން އިތުރުވެގެން ވީ ކަމެއްތޯ ސުވާލު އުފައްދަވާފައެވެ.

މަޖިލީހުގެ ރައީސްގެ މިވާހަކަތަކަށް، ބަހުސްކުރުމަށް ލިބިލެއްވި ފުރުސަތުގައި މެމްބަރު އަބްދުލްޣަފޫރު މޫސާ ވަނީ ރައްދު ދެއްވާފައެވެ.

އެގޮތުން މިދިޔަ ޖެނުއަރީ މަހު ކޮވިޑުން ރަނގަޅަށް އަރައިގަނެވިފައި ނުވާކަމަށާއި އޭރު ގައުމުތަކުގެ ބޯޑަރުވެސް ހުޅުވާލާފައިނުވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ބޭސްފަރުވާއަށް މީހުން ދަތުރުކުރުން އޭރު އޮތީ ވަރަށް ބޮޑަށް މަޑު ޖެހިފައިކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާރު އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ދާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފަށާފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ. އެއީ އެއްވެސް ހާލެއްގައި ޕްރައިމަރީއާއި ނުވަތަ އެތެރޭގެ އިންތިހާބަކާއި ގުޅިގެން އިތުރުވި މިންވަރެއް ނޫންކަމަސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *