ވިޕްލައިނާއި ޚިލާފަށް ވޯޓުދީފައިވާތީ، މައާފަށް އެދެން އަންގާފައިވާކަން ފާހަގަކުރައްވާ އެކަމާއިމެދު މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޖެނުއަރީ 2023 އިން ފެށިގެން މުދަލާއި އާންމު ހިދުމަތުގެ އަގުން ޓެކްސް ނަގާ ބޮޑުކުރުމަށް ސަރުކާރުން މަސައްކަތް ފެށުމުން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެކަމާއި ދެކޮޅަށް ވޯޓުލާނެކަން ހާމަކުރައްވާފައެވެ. އެއާއެކު ޓެކްސް ބޮޑުކުރުމަށް ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުން ވޯޓު ދިނުމަށް އެމްޑީޕީން ވަނީ ތްރީ ލައިން ވިޕްއެއް ނެރެފައެވެ.
އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރައްވައި މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ މަޖިލީހުގައި ތަމްސީލްކުރައްވަމުން ގެންދަވަނީ އާންމު ރައްޔިތުން ކަމަށެވެ. އަދި ވޯޓުވެސް ލާނީ އެފަދައިންކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ޓެކްސް ބޮޑުކުރުމާއި ދެކޮޅަށް ވޯޓު ދިނުމުން މައާފަށް އެދެން އެންގުމަކީ ދާއިރާގެ ރައްޔިތުން މައާފަށް އެދުންފަދަ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި އެބޭފުޅާއަށް އަޅާ ފިޔަވަޅުތަކަކީ ދާއިރާގެ ރައްޔިތުންނަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ ޕާޓީ ތެރޭގައި މިވަގުތު އޮތީ ބަޣާވާތާއި އެކީގައި އައި ބަލިމަޑުކަމެއް ކަމަށެވެ. އެއް ބަޔަކަށްވުރެ އަނެއް ބަޔަކު މާ މޮޅުކަމަށް ދެކިގެން ޕާޓީ ތެރޭގައި މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.