މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް

ތިލަފުށިން ބިދޭސީންނަށް ބިން ވިއްކުމާއި ދެކޮޅަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

މިއަހަރުގެ މަޖިލީހުގެ ތަޅުމުގެ މަސައްކަތްތައް މިއަދު ވަނީ ފަށާފައެވެ. މަޖިލީހުގެ ތަޅުމަށް ކުއްލި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

ކުއްލި މައްސަލަ ތަޅުމުން ބޭރުކޮށްލާފައިވަނީ 36 މެމްބަރުންގެ ވޯޓާއެކުގައެވެ. މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް ވޯޓުދެއްވީ 9 މެމްބަރުންނެވެ.

މެމްބަރު ހުށަހެޅުއްވި ކުއްލި މައްސަލާގައި މިއީ ދުރު މުސްތަގްބަލަށް ބަލާއިރު އެދެވޭ ކަމެއްނޫންކަމަށް ވިދާޅުވެފައިވެއެވެ. ދިވެހިންނާއި ބިދޭސީންނަށް އެއް އުސޫލެއްގެ ދަށުން 99 އަހަރަށް ބިދޭސީންނަށް ތިލަފުށިން ބިން ދިނުމަކީ ދިވެހި ވިޔަފާރިވެރިންނަށް އެކަމުގެ ގޮންޖެހުންތައް ކުރިމަތިވާނެކަމެއްކަމަށް ވިދާޅުވިއެވެ.

އަދި ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް މިފަދައިން ކަންކުރަނީ އިންތިހާބުގެ މަސައްކަތްތައް ކުރުމަށް ފައިސާ ހޯދުމަށްކަމަށް މެމްބަރު ތުހުމަތުކުރެއްވިއެވެ.

ސިނާއީ ބޭނުމަށް ތިލަފުށިން ބީލަން އުސޫލަށް ބިން ވިއްކުމަށް ހަމަޖެހިފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމާފައިވާކަން ހާމަކުރީ މިދިޔަ ހަފްތާތެރޭގައެވެ.

އެޗްޑީސީން ބުނީ، ބިން ވިއްކުމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރޭގައި، އަމިއްލަ މީހެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށަހެޅުމާއި، ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެއްސެއް ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވުމާއި، ބީލަން ކާމިޔާބުކުރާ ފަރާތަކީ ބޭރު މީހެއް ނުވަތަ ބޭރުގެ ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ދޫކުރުން ކަމަށެވެ. އަދި ބީލަން ހުށަހެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެގޮތުން ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށި ޒޯން އޭ ގައިވާ ބިންތައް ކަމަށް ވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

ތިލަފުށިން ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައި ވަނީ ދެ މަރުހަލާ އަކަށެވެ. އެއީ ޝައުގުވެރިވާ ބިމަށް 'އެކްސްޕްރެޝަން އޮފް އިންޓަރެސްޓް' (އީއޯއައި) ހުށަހަޅައިގެންނާއި، އީއޯއައި ހުށަހަޅާފައިވާ ބިމަށް ބިޑްކޮށްގެންނެވެ. އަދި މިކަމަށް ޕޯޓަލްއެއް ހުޅުވާލުމަށްވެސް ވަނީ ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *