ރައްޔިތުންގެ މަޖިލީހަށް މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ނުދެއްވާނެ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މިއަދު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަލީމް ވިދާޅުވީ އެބޭފުޅާގެ ނަން އިއްވާފައި ނުވާއިރު މިއަދު ޖަލްސާއަށް ނުވައްދާ ރިޔާސީ ބަޔާން އިއްވީ ޤާނޫނާއި ހިލާފަށް ކަމަށެވެ.
އާދޭސް ކޮށްކޮށްވެސް ތިން މެންބަރުން ނުވެއްދި، އޭގެ މާނައަކީ މިއަދުގެ ސަރުކާރުގައި އެއްވެސް ގާބިލުކަމެއް ނެތީ ކަމަށް ސަލީމް ވިދާޅުވިއެވެ.
މައިނޯރިޓީ ލީޑަރާއި ދެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރުން ތަޅުމުގައި ނެތި، ނަން އިއްވާފައިނުވާ ޕީޕީއެމް/ޕީއެންސީގެ ތިން މެންބަރުން ނުވައްދާ އެ ބަޔާން އިއްވޭނެ ގޮތެއް ގާނޫނުގައި ނޯންނާނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
އަދި އެމްޑީޕީއަކީ އިދިކޮޅުގައި އޮތްއިރު އެއްވެސް ރިޔާސީ ބަޔާނަކަށް ޖަވާބުދެއްވަން ކެރުނު ބައެއް ނޫން ކަމަށާއި، މިއަދު އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ނުދެއްވާނީ އެއީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގަބޫލު ނުކުރައްވާތީ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
މިއަދު ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ މެންބަރުން އަޑުގަދަ ކުރެއްވުމުން އެބޭފުޅުން ވަނީ މަޖިލީހުގެ ތަޅުމުން ގަދަ ކަމުން ނެރެފައެވެ.