ދައުލަތުގެ އޮފީސްތައް ހިންގުމަށާއި، ގުދަނުގެ ގޮތުގައި ބޭނުން ކުރުމަށާއި، އަމިއްލަ މީސްމީހުންގެ އިމާރާތްތައް ކުށްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރަށް މާދަމާ ބަހުސް ކުރުމަށް އެޖެންޑާ ކޮށްފިއެވެ.
މާދަމާ ބާއްވާ ޖަލްސާގައި ބަހުސް ކުރުމަށް ހަމަޖެހިފައިވާ މި ޤަރާރަކީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހަޅުއްވާފައިވާ ޤަރާރެކެވެ.
މެންބަރު މުއިއްޒު ވިދާޅުވެފައިވަނީ ދައުލަތުގެ ބޭނުމަށް ކުއްޔަށް ހިފާފައިވާ އިމާރާތްތަކަށް މަހަކު 8.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާ ކަމަށެވެ. އަހަރަކަށް ބަލާނަމަ މިއީ 102 މިލިއަނަށްވުރެ ގިނަ ރުފިޔާ ކަމަށާއި، އެހެންކަމުން މީނޫން ގޮތެއް ހޯދުމަށް މެންބަރު ހުށަހެޅުއްވި ގަރާރުގައިވެއެވެ.
ދައުލަތުގެ ވުޒާރާތަކާއި މިނިވަން މުވައްސަސާތަކުގެ ބައެއް އިދާރާތައް އަމިއްލަ އިމާރާތްތައް ކުށްޔަށް ނަގައިގެން ހިންގަން ޖެހިފައިވާތީ ދައުލަތުން އެ އިމާރާތްތަކަށް ބޮޑެތި ހޭދަތަކެއް ކުރަން ޖެހިފައިވެއެވެ. އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން މި ސަރުކާރުން ވަނީ އެފަދަ ބައެއް އިދާރާތައް ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.
އަދި މިއަހަރު ފެށުނުއިރު ޖެންޑާ މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ފަދަ އޮފީސްތަކަށް ހުޅުމާލޭގައި ހަދާފައިވާ އޮފީސް ކޮމްޕްލެކްސް އިން ވަނީ ޖާގަދީފައެވެ.
މާދަމާ މަޖިލީހުގައި ކުރިޔަށް ގެންދަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ މަސައްކަތްތަކުގެ ދާއިރާއާއި މިނިސްޓްރީ އޮފް ހެލްތްގެ މަސައްކަތްތަކުގެ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންނަވާފައިވާ ބަދަލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުން ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުންވެސް ހިމެނެއެވެ.
މީގެ އިތުރުން އެޖެންޑާކޮށްފައިވާ އަނެއް މަސައްކަތަކީ، ނަފްސާނީ ސިއްހަތާއި ގުޅޭ ހިދުމަތްތަކާއިބެހޭ ވަށާޖެހޭ ސިޔާސަތުތަކެއްގެ ތެރެއިން އެ ހިދުމަތްތައް ލިބޭނެ ނިޒާމެއް ގާއިމު ކުރުމަށް ސަރުކާރަށް ގޮވާލާ ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރުންވެސް ހިމެނެއެވެ.