މި އަހަރުގެ ނިޔަލަށް ހިފާފައިވާ އަމާޒަކީ ޖުމްލަ 750 ދަނޑުވެރިން ކޮންޓްރެކްޓް ފަރމިންގގެ މަސައްކަތް ފެށުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދަނޑުވެރިން އުފައްދާ އުފެއްދުންތައް މާކެޓް ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ދަނޑުވެރިޔާ ކުރި މަސައްކަތް، އާމްދަނީއަށް ބަދަލުކުރުމަކީ މިހާތަނަށް އޮތް އެންމެބޮޑު ގޮންޖެހުންކަން ފާހަގަކުރައްވާފައެވެ.
އެގްރޯނެޓް ކުންފުންޏަކީ މިކަމަށް ހައްލު ހޯދުމަށް ސަރުކާރުން ކޮށި މަގެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
އެގޮތުން ޖުމްލަ 46 ރަށެއްގެ 800 އަށްވުރެ ގިނަ ދަނޑުވެރިން އެގްރޯނެޓްގެ ނެޓްވޯކާ ގުޅިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ވެވޭ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓް ފަރމިންގގައި 485 ދަނޑުވެރިން ހަރަކާތްތެރިވަމުންދާކަމަށް ވިދާޅުވިއެވެ. އަދި ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި 534 ދަނޑުވެރިޔަކަށް ފޯރުކޮށްދެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.
"މި އަހަރުގެ ނިޔަލަށް ހިފާފައިވާ އަމާޒަކީ، ޖުމްލަ 750 ދަނޑުވެރިން އެ މަސައްކަތް ފަށާ، އުފައްދާ ތަކެތި އެގްރޯނެޓުން ގަންނަމުން ދިޔުން"
މީގެ އިތުރުން މަސްވެރިކަމަކީ ކޮވިޑްގެ ބަލިމަޑުކަމާއި ހަނގުރާމައިގެ ސަބަބުން ދުނިޔެއާ ކުރިމަތިވި އިގްތިސާދީ ގިލަންވެރިކަމުން ރާއްޖެއަށް އަރައިގަނެވުނު ވަރަށްބޮޑު ސަބަބެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ހުސްވި 2022 ވަނަ އަހަރަކީ، ފާއިތުވި 16 އަހަރުގެ ތެރޭގައި، އެންމެ ގިނަ މަސް، މިފްކޯއިން ގަތް އަހަރުކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ތާރީޚުގައި އެންމެ ގިނަ ފައިސާ، މަސްވެރިންނަށް ސަރުކާރުން ދޫކުރި އަހަރަކީވެސް 2022 ކަމަށާއި އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރި ފަދައިން 1 މާރިޗު 2022އިން ފެށިގެން މަސްގަންނަ އަގު ބޮޑުކޮށްފައިވާކަމަށް ވިދާޅުވިއެވެ.
އަދި މަހުގެ ޑިއުޓީއާ ގުޅޭގޮތުން އިނގިރޭސިވިލާތާއި ޔޫރަޕްގެ އިއްތިހާދުން އީޖާބީ ނިންމުމެއް ނިންމާނެ ކަމުގެ އުންމީދު ބޮޑުކަމަށް ވިދާޅުވިއެވެ. އެ ޤައުމުތަކަށް ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ޑިއުޓީއަށް ލުޔެއް ލިބުމުގައި އިތުރަށް ގިރާކުރަންޖެހޭ އޮޅިއެއް ދެން ނެތް ކަމަށާއި މިއާއެކު، މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތަކީ، މަހުގެ އަގަށް އަނެއްކާވެސް އިތުރު ހެޔޮ ބަދަލު އަންނާނެ ކަމެއްކަމަށް ވިދާޅުވިއެވެދ.