ވޯޓަރ ސްޕޯޓްސްގައި ދުނިޔޭގައި ނަން މަޝްހޫރު މަންޒިލަކަށް ރާއްޖެ ބަދަލުވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ކުޅިވަރުގެ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބާއްވަމުން އަންނަކަން ފާހަގަކުރައްވާފައެވެ.

މިދިޔަ އަހަރު އެކަނިވެސް އެފަދަ 9 މުބާރާތެއް ބާއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި، ބާސްކެޓް، ބީޗްވޮލީ، ބޮޑީ ބިލްޑިންގ އާއި، ބޮޑީ ބޯޑިންގ އަދި ސަރފިންގ ހިމެނޭކަމަށް ވިދާޅުވިއެވެ.

"ނަތީޖާއަކީ ވޯޓަރ ސްޕޯޓްސްގައި، ދުނިޔޭގެ ނަން މަޝްހޫރު މަންޒިލަކަށް ރާއްޖެ ބަދަލުވަމުންދާކަން"

ރައީސްގެ ވާހަކަފުޅުގައި ކުޅިވަރުގެ ދާއިރާއިން ރާއްޖޭގެ ޒުވާނުން ކުރިއަށްދިޔުމަށާއި، މުނިފޫހިފިލުވުމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ މަޝްރޫއުތައް ހިނގަމުންދާކަން ފާހަގަކުރެއްވިއެވެ.

އޭގެ ތަފްސީލް ހިއްސާކުރައްވާ ރައީސް ވަނީ މުޅިން އަލަށް ގާއިމްކުރެވުނު 39 ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ރަނގަޅު ފެންވަރުގެ ވޮލީ، ބެޑްމިންޓަން އަދި ހޭންޑްބޯލް ކޯޓުތަކާއި ސިންތެޓިކް ޓްރެކާއި، ޓީ.ޓީ. ސެންޓަރުތައް ވަނީ ނިމިފައިވާއިރު 50 އަށްވުރެ ގިނަ އައުޓް ޑޯ ޖިމް ގާއިމްކޮށް ނިމިފައިވާކަމަށް ވިދާޅުވިއެވެ.

"މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާއި، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދައި، މީގެކުރިން ކުޅިވަރު ކުޅުމުން މަޙްރޫމްވެފައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިއަދު އެވަނީ ފުރުޞަތު ހޯދައިދެވިފައި"

މީގެ އިތުރުން ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖޭގެ އެތުލީޓުން ވިދާލާފައިވާކަން ފާހަގަކުރެއްވިއެވެ. 2019 ވަނަ އަހަރު ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ފެށިގެން މިހާތަނަށް ބައިނަލްއަޤްވާމީ މުބާރާތްތަކުން ރާއްޖެ ވަނީ 33 ގޯލްޑް މެޑެލް އަދި 18 ސިލްވަރ މެޑެލާއި 88 ބްރޮންޒް މެޑެލް ހޯދާފައެވެ.

ފަންނުވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވައި ރައީސް ވަޏީ ރާއްޖޭގެ ފަންނާނުންގެ ކުޅަދާނަކަމާއި، ހުނަރު ތަރައްޤީ ކުރުމަށް އެކަށޭނަ ފުރުޞަތު ނެތުމަކީ، އޮތް ހުސްކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެޗެ.

ގެނެވުނު ޒަމާނީ ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް ހުޅުވިގެންދިޔައިރު އެއީ، ފަންނުވެރިކަމާއި ހުނަރުވެރިކަމުގައި ކުރިއަށްދާން ބޭނުން ޒުވާނުންނަށް ފަހި މާޙައުލެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. އޭގެ އިތުރަށް ޒަމާނީ ބަދަލުތަކަށްފަހު، މި މަހުގެ ތެރޭގައި ނެޝަނަލް އާޓް ގެލެރީ ހުޅުވައިލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ފަންނާނުންގެ ހުނަރު ރާއްޖެއިން ބޭރުގައި ދެއްކުމުގެ ފުރުޞަތު ފަންނުވެރިންނަށް ހޯދައިދެމުން އަންނަކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުގައި ޤާއިމްކުރެވޭ ސައިޓް މިއުޒިއަމްތަކަކީ، އާސާރީ ތަރިކަ ދިރުވައި ދަމަހައްޓާނެ މަރުކަޒުތަކަކަށް ވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ގެއްލި ނެތި އުވެމުންދާ އާސާރުތައް ޙިމާޔަތް ކުރުމަށްވެސް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *