ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މުޅި ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުންތައް ކުރިއަށް އޮތް ތަނުގައި ލިބޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ ދުނިޔެ ބަދަލުވެ އިންޓަނެޓްގެ ޒަރީއާއިން ކުރެވޭ މުޢާމަލާތާއި ހިންގުމުގެ ދާއިރާއަށް އަންނަ އަވަސްކަމަކީ ކުރިއަށް އޮތް ތަނަށް މުހިންމު ބަދަލެއް ކަމަށެވެ.

ރާއްޖޭގެ އިންޓަނެޓްގެ އަގަށް ގެނެވުނު ބަދަލާއި، އޭގެ ސްޕީޑަށް އަދިވެސް އިތުރު ތަރައްޤީ އައުން މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރު ޝާމިލްވާ އާ ސަބްމެރިން ކޭބަލުން މިކަމަށް އިތުރު ފަހިކަން ގެނުވާނެކަމަށެވެ. އެގޮތުން ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އަޅާ ސަބްމެރިން ކޭބަލް، ކުރިއަށް އޮތް ފަސްމަސްތެރޭ ރާއްޖެއަށް އެއްގަން ކުރެވި، ސެޕްޓެންބަރު މަހުގެ ނިޔަލަށް މި ކޭބަލް ބޭނުންކުރުމުގެ ފުރުޞަތު ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ އިންޓަރނެޓުގެ އަގު ހެޔޮވެ، ސްޕީޑަށް އިންޤިލާބީ ބަދަލެއް ގެނުވާނެ މަޝްރޫޢެއް. އެއީ، އުފެއްދުންތެރި ޒުވާނުންނާއި ވިޔަފާރިތައް، ދުނިޔޭގެ މާކެޓާ ގުޅުވައިދޭނެ ވަސީލަތެއް"

މީގެ އިތުރުން ޚިދުމަތްތައް ބޭނުންވެގެން އައިޑީ ކާޑާއި، އެކި ލިޔުންތަކުގެ ކޮޕީ، ތަކުރާރުކޮށް ސަރުކާރަށް ހުށަހަޅަންޖެހުމަކީ، ރައްޔިތުންނަށް އޮތް ވަރަށްބޮޑު ތަކުލީފެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ޚިދުމަތް ލަސްވެ، އޮޅުންބޮޅުންވެ، އެކަމެއްގައި ތާށިވެ ރައްޔިތުން ތިބެންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. މިކަން ބަދަލުކުރުމަށް ކުރާ މަސައްކަތުގައި އަންނަ މާޗު މަހު ޑިޖިޓަލް އައިޑީ ލޯންޗް ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ޚިދުމަތް ލިބުމުގައި ރައްޔިތުންނަށް ހުރި ތަކުލީފުތަކަށް އަލިއަޅުވާލައި، ކިޔުގައި ޖެހުމާއި، ފޯނު ނުނެގުމާއި، ޖަވާބެއް ނުލިބުމުގެ މައްސަލަތައް ގިނަކަން ފާހަގަކުރެއްވިެވެ. އެކަމަށް ހައްލެއް ގެނައުމަށްޓަކައި ތައާރަފްކުރާ ވަން-ގަވް ޚިދުމަތަކީ ސަރުކާރުން މިކަމަށް ގެނެސްދޭ ޒަމާނީ ޙައްލުކަމަށް ރައީސް ވިދާޅުވިއެވެ.

"އަންނަ މާޗު މަސްތެރޭ ވަން-ގަވް ޚިދުމަތްވެސް ލޯންޗް ކުރެވޭނެ"

އޭގެ ސަބަބުން ފުރަތަމަވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި، ފުވައްމުލަކު ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް މުޅިން އޮންލައިން ވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރަށް، މާލެ، އައްޑޫ އަދި ފުވައްމުލަކުގައި ޤާއިމްކުރެވޭ ފިޒިކަލް އެކްސްޕީރިއަންސް ސެންޓަރުތަކަކީ އޮންލައިންކޮށް ޚިދުމަތް ލިބިގަންނަން ދަތިވާ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް މަރުކަޒުތައް ގާއިމްކުރެވޭނެކަމަށް ވިދާޅުވިއެވެ.

މިއާއެކު މުޅި ރާއްޖެ މިދަނީ ޑިޖިޓަލައިޒް ވަމުންކަން ރައީސް ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *