ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ
ދައުލަތަށްލިބޭ އާމްދަނީ 2028 ވަނަ އަހަރު 45 ބިލިޔަން ރުފިޔާއަށް އަރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ސަރުކާރުން މިހާރު ހިންގަމުން އަންނަ މަޝްރޫއުތަކާއި އެކު 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އިގްތިސަދަށާއި ދައުލަތުގެ އާމްދަނީއަށް އަންނާނެ ބަދަލުތައް ހާމަކުރައްވާފައެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފާއިތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ މުޅި ތާރީހުގައި ކުރިމަތިވި އެންމެބޮޑު އިގްތިސާދީ ގޮންޖެހުންތައް ތަހައްމަލް ކުރަންޖެހުނު ތިން އަހަރުކަމަށެވެ. އަދި، ކޮވިޑް-19ގެ އާލަމީ ބަލިމަޑުކަމާއެކު ރާއްޖޭގެ އިގްތިސާދު ހުއްޓިގެން ދިޔަ ނަމަވެސް ސަރުކާން އެޅި ދުރުވިސްނޭ ހަރުދަނާ ފިޔަވަޅުތަކާއި ކުރަން ހުރި ކަންކަމުގެ މައްޗަށް ހިސާބު އަކުރުން ނަތީޖާ ނެރެދޭ ހަގީގަތްތަކެއް ފެންނަކަމަށް ވިދާޅުވިއެވެ.

"ފެންނަނީ ދިވެހިރާއްޖޭގެ ހާލަތު ރަނގަޅު އިގްތިސާދެއްގެ މައްޗަށް ބިނާވާ މަންޒަރު"

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު 2028 ވަނަ އަހަރާއި ހަމައަށްދާއިރު، މަދުވެގެން އަހަރަކަށް 3.5 މިލިއަނަށް އިތުރުވާނެކަމަށް އަންދާޒާކުރައްވާފައެވެ. އެގޮތަށް އެކަން އެވަނީ، މިއަދު ފަށައިގެން، ހިންގަމުން، ނިންމަމުން މިދާ މަޝްރޫއުތަކުގެ ސަބަބުން ކަމުގައި ރައީސް ވިދާޅުވިއެވެ. އެއީ 2028 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ އިޤްތިޞާދު ދެގުނަ ވެގެންދާނެ ބޮޑު ބަދަލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރިޔާސީ ބަޔާނުގައި، 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިޔަން ރުފިޔާ ނަމަވެސް އޭގެ 10 އަހަރު ފަހުން، ރާއްޖޭގެ އިޤްތިޞާދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިޔަން ރުފިޔާއަށް ގެންދެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި، އިގްތިސާދަށް އަންނަ ކުރިއެރުންތަކާއެކު ދައުލަތަށް ލިބޭ އާމްދަނީވެސް 2018 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ ކުރެވި، 2028 ވަނަ އަހަރު 45 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މިހާރު ތަންފީޒު ކުރަމުން މިދާ މާލީ، އިގްތިސާދީ އަދި އިޖްތިމާއީ ހުރިހާ ސިޔާސަތެއް ގޮސް ނިމެނީ އެ ނަތީޖާ ޙާޞިލްކުރުމަށް ކަމަށެވެ.

އަދި އިގްތިޞާދަށް ގެނެވޭ ކުރިއެރުމާއި އެކުގައި ލިބޭ ނަތީޖާއަކީ، ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީ އިތުރުވެ، ވަޒީފާތައް ގިނަވެ، އިތުރު ވިޔަފާރިތަކާއި، އާ ސިނާޢަތްތައް އުފެދި، މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ހެދި ފޯދި، ތަފާތުތައް ނެތިގެން ދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *