ފާއިތުވި 4 އަހަރެކޭ އެއްފަދައިން ކުރިޔަށް އޮތްތަނުގައިވެސް އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ހަމަޖެހުން ޤާއިމްކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 2023 މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވަނީ، ހަމަޖެހުމާއި، މަޞްލަޙަތާއި، އަމާންކަން ދެމެހެއްޓޭނީ އަޑުއެހުމާއި، މަޝްވަރާއާއި، ދޫދިނުމާއި، އަދި ހިފަހައްޓަންޖެހޭ އިންތަކާއި، މިންތަކުގައި ސަރުކާރުން ސާބިތުވެ ދެމިއޮވެގެން ކަމުގައި ވިދާޅުވެފައެވެ. އަދި، އެގޮތުގެ މަތިން، ފާއިތުވި 4 އަހަރެކޭ އެއްފަދައިން ކުރިޔަށް އޮތްތަނުގައިވެސް އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ހަމަޖެހުން ޤާއިމްކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން އަދާކުރަންޖެހޭ ޙައްޤުތަކާއި، އުފުލަން ޖެހޭ މަޞްޢޫލިއްޔަތާއި، ދޭންޖެހޭ ޚިދުމަތުގައި، ދިވެހި ކޮންމެ ރައްޔިތެއް ވެސް ހަމަހަމަ ވާނެކަމަށާއި، ކޮންމެ ރައްޔިތަކީ ވެސް ސަރުކާރުގެ ކުރިމަތީގައި ގަދަރުވެރި ދިވެހި ރައްޔިތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު މި ސަރުކާރުން އިސްލާމްދީނާއި، ދިވެހި ޤައުމިއްޔަތުގައި ނެތް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށާއި، އެކަމުގެ ސަބަބުން ޤައުމުގައި މީގެ ކުރިންނެތް ހަމަޖެހުމާއި، މަޞްލަޙަތެއް އިޢާދަ ކުރެވި، ހިފެހެއްޓި، ދެމެހެއްޓިއްޖެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިކަން ރައްޔިތުން ވެސް ބަލައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
މީގެ އިތުރުން ވެސް މި ސަރުކާރުން ރާއްޖެއަށް ގެންނަން ވަޢުދުވީ ބޮޑު ބަދަލެއްކަމަށާއި، އެބަދަލުގެ ފަހަތުގައި ވަނީ ރައްޔިތުންގެ އުފާފާގަތި ދިރިއުޅުމާއި، ބާއްޖަވެރިކަމާއި، ތަނަވަސްކަމާއި، ފުދުންތެރިކަމާއި، ތިޔާގިކަން ތަފާތު ކުރުމެއްނެތި ގެނެސްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މި އަހަރުގެ ރިޔާސީ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން، ޤައުމު އާރާސްތު ވާނީ ޒުވާނުން ބިނާކޮށްގެން ކަމަށާއި، ރަނގަޅު ހެދިހުރި ޒުވާނަކަށް ބޭނުންވާ ތަޢުލީމާއި ތަރުބިއްޔަތު ދިނުމަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ޤައުމަކުން ނުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.