ޖެނުއަރީ މަހަކީ ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަސްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވަނީ ހުސްވި ޖެނުއަރީ މަހު 3.5 ބިލިއަން ރުފިޔާ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވާކަން ފާހަގަކުރައްވާފައެވެއ. އެއީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައި އެއް މަސްތެރޭ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަސްކަމުގައި ވިދާޅުވިއެވެ.
"ދައުލަތުގެ ރިޒާވް އޭގެ ރައްކާތެރި މިންގަނޑުގައި ދެމެހެއްޓޭނެކަމުގެ އިތުބާރު މިހާރު މިވަނީ ލިބިފައި"
އެސްއެމްއީ ބޭންކަކީ އިގްތިސާދަށް އެޅުނު އެންމެ ހަރުދަނާ އެއް ފިޔަވަޅުކަމަށް ރައީސް ވިދާޅުވިއެވެ. އުފެއްދުންތެރިކަމުގައި ކުރިއަށްދާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން އެބޭންކުން ދެމުންދާއިރު ޖުމްލަ 1,100 ފަރާތަކަށް 1.16 ބިލިއަން ރުފިޔާ އެބޭންކުން މިހާތަނަށް ދޫކޮށްފައިވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އޯތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ބައިނަލްއަގްވާމީ މައިދާނުގައިވެސް މަޝްހޫރުކަން ހޯދަމުން އަންނަކަމަށް ވިދާޅުވިއެވެ.
އޭގެ ޒަރީއާއިން 2,000އަށްވުރެ ގިނަ ދިވެހި އުފެއްދުން ދުނިޔޭގެ މާކެޓްގައި ޑިސްޕްލޭ ކުރެވޭނެ މަގު ފަހިވެފައިވާއިރު މިހާތަނަށް 182 ދިވެހި ސަޕްލަޔަރުން، މިވިޔަފާރީގައި ހަރަކާތްތެރިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރެއިން 57 އިންސައްތަ ސަޕްލަޔަރުންނަކީ އަންހެނުންކަމަށް ރައީސް ވިދާޅުވިއެވެ.