ފޮރިން މިނިސްޓަރ ލަންކާގައި އުޅޭ ދިވެހިންނާއި ބައްދަލުކުރައްވަނީ

ލަންކާގައި ތައުލީމް ހާސިލު ކުރާ ދިވެހި ދަރިވަރުންނަށް ވީހާވެސް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު ސްރިލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެގައުމުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ލަންކާގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ކިޔަވާ ކުދިންނަށް ފަސޭހައިން ވިސާ ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން އެގައުމުގެ ސަރުކާރުން ދީފައިވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ ޝަކުވާތައް އަޑުއައްސަވައި، ލަންކާގެ ސަރުކާރާއި ގުޅިގެން އެ ކަންކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަންވެސް ފާހަގަކުރައްވާފައެވެ.

މިދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ސްރިލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތް ކުރައްވައި، އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. ޝާހިދު ވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތް ކުރައްވާ މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވައިފައެވެ.

ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ޝާހިދު ވަނީ އެގައުމުގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަޑަސާ އާއިވެސް  ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ވަނީ ރާއްޖެއާއި ލަންކާގެ މެދުގައި އޮންނަ ގާތް ގުޅުމާއި ބެހޭގޮތުން ވާހަކަދައްކަވައިފައެވެ.

ޝާހިދުގެ މިދަތުރުފުޅަކީ ލަންކާގެ 75 ވަނަ މިނިވަން ދުވަހާއި ގުޅިގެން އެގައުމުގެ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މިނިސްޓަރ ވަނީ މިހާރު އެދަތުރުފުޅު ނިންމަވާލައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *