ސަރުކާރު ކުންފުނިތަކުގެ މުސާރަ ހާމަކުރަން ޖެހޭ ގޮތަށް ހައި ކޯޓުން ކަނޑއަޅައިފިއެވެ.
ހައިކޯޓުން ކުރި ހުކުމެއްގައި ބުނެފައިވަނީ، ސަރުކާރުގެ ހުރިހާ ކުންފުނިތަކެއްގެ ބޯޑު މެންބަރުންނާއި މުވައްޒަފުންގެ މުސާރަތަކާއި އިނާޔަތްތަކުގެ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ފަހި ކޮށްދޭން ޖެހޭނެ ކަމަށެވެ.
ހައިކޯޓުން އެގޮތަށް ހުކުމްކުރީ، ބީއެމްއެލްގެ ބޯޑު މެމްބަރުންނާއި ސީނިއާ މުވައްޒަފުންގެ މަގާމުގެ ތަފްސީލުތައް ހޯދަން އައިމަން ލަތީފްގެ ފަރާތުން އެދުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށް އެންގުމުން، ބީއެމްއެލް އިން އެ ނިންމުން އިސްތިއުނާފް ކުރުމަށް ހުށަހެޅުމުންނެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އޮތްގޮތުން، ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަންތަނަކީ ދައުލަތުގެ އިދާރާއެއް ކަމަށް ބެލެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
ބީއެމްއެލްއަކީ ބޭންކިން ހިދުމަތް ދިނުމަށްޓަކައި ދައުލަތުން އުފައްދާފައިވާ އަދި ދައުލަތުގެ އަޣުލަބިއްޔަތު ހިއްސާ އޮތް ކުންފުންޏެއް ކަމަށާއި އެހެންވެ، އެ ކުންފުނީގެ މައްޗަށް ވެސް އެ ގާނޫނު ހިންގޭނެ ކަމަށް އެ ހުކުމުގައިވެއެވެ.
އެހެންކަމުން އެ މައްސަލައިގައި، އައިމަން އެދިފައިވާ މައުލޫމާތުތައް ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު ބޭންކަށް އަންގާފައިވާ އެންގުން ބާތިލުކުރަންޖެހޭ ފަދަ ގާނޫނީ ސަބަބެއް ނެތް ކަމަށް މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.