ހިޔާ ޓަވަރުގެ ފްލެޓުތަކުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ފީޑް ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މީޑިޔާތަކަށް މައުލޫމާތުދެމުން އެޗްޑީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ މަޝްރޫއުގެ 16 ޓަވަރގެ ފްލެޓުތަކުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން އެކެމެރާތަކުން ފީޑް ކަނެކްޝަން ނެގުމުގައި ކުރަންޖެހޭ ކަންކަން ދެ ފަރާތުން ގުޅިގެން ކުރުމަށް ސޮއިކޮށްފައިވާކަމަށް އެކުންފުނިން ބުނެއެވެ.
މި އެއްބަސްވުމުގެ ދަށުން ރިއަލް ޓައިމް ފީޑް ފުލުހުންނަށް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވަނީ ފެށިފައެވެ. މި ކަމުގެ ސަބަބުން ހިޔާ ޓަވަރުތަކުގައި ރައްކާތެރި މާހައުލެއް ޤާއިމު ކުރުމަށް އެޗް.ޑީ.ސީން ފުލުހުންނާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް ގިނަ ލުއިތަކެއް ލިބިގެން ދާނެއެވެ.
މި ފަހުމުނާމާގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.