ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޕަރްވޭޒް މުޝައްރަފް މިއަދު އަވަހާރަވެއްޖެއެވެ.

އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްވެފައިވާ މުޝައްރަފް  އަވަހާރަވެފައިވަނީ ދުބާއީގެ ހޮސްޕިޓަލެއްގައެވެ. އަވަހާރަވިއިއރު އުމުރުފުޅަކީ 79އަހަރެވެ.

ހަތަރު ތަރީގެ އަސްކަރީ ޖެނެރަލެއްކަމުގައިވާ ކުރީގެ އަސްކަރީ ލީޑަރު މުޝައްރަފަކީ 1999 އަކުން ފެށިގެން ޕާކީސްތާނުގައި  ގާތްގަނޑަކަށް ދަހަރެއްހާ (10 އަހަރު) ދުވަހު ވެރިކަން ކުރެއްވި ލީޑަރެކެވެ. 2014 ވަނަ އަހަރު  ހިޔާނާތުގެ ދައުވާ އުފުލުމާއި ގުޅިގެން މުޝައްރަފްވަނީ އަމިއްލަފުޅަށް ގައުމު ދޫކުރައްވާ ޔުނައިޑެޓް އެރެބް އެމިރޭޓްސްއަށް ދިރިއުޅުއްވުން ބަދަލުކުރައްވާފައެވެ.

މުޝައްރަފް އަވަހާރަވީ  ވަރަށް މަދުން ނޫނީ ނުފެންނ ބާވަތެއްގެ ބައްޔެއް ކަމުގައިވާ، ގުނަވަންތައް ފެއިލްވާ ބަލި، އަމިލޮއިޑޮސިސްގެ އާލާސްކަންފުޅާ އުޅުއްވާތާ އަހަރުތަކެއް ފަހުންނެވެ.

ޕާކިސްތާނުގެ މިލިޓަރީ މީޑިއާ ވިންގުގެ ސީނިއާ މިލިޓަރީ ބޭފުޅުން ގެންދަވަނީ އެގައުމުގެ ކުރީގެ ވެރިޔާ މުޝައްރަފް އަވަހާރަވުމާއި ގުޅިގެން ތައުޒިޔާ އާއި ހަމްދަރްދީގެ މެސެޖްތައް ފޮނުވަމުންނެވެ. އެ ވިންގުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ މާތްﷲ މުޝައްރަފްގެ ފުރާނަފުޅަށް ރަހްމަތް ލެއްވުމަށާއި،  އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދޭ ކަމަށެވެ.

އަލްޖަޒީރާއިން ހަބަރުދޭ ގޮތުގައި ޕާކިސްތާނުގައި ތިއްބެވި މުޝައްރަފްގެ އާއިލާ މެންބަރުން ގެންދަވަނީ އޭނާގެ ހަށިކޮޅު ގައުމަށް ގެނައުމާ މެދު ގޮތެއް ނިންމެވުމަށް ބައްދަލުކުރައްވަމުންނެވެ.

މުޝައްރަފަކީ ކުރީގެ ސްޕެޝަލް ފޯސަސް ކޮމާންޑޯއެކެވެ. މުޝައްރަފަށް ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވީ 1947 ވަނަ އަހަރު އިންޑިއާ ބައިބައިވުމުގެ ލޭއޮހޮރުވުންތަކުގެ ތެރޭގައި ވަކި ގައުމެއްގެ ގޮތުގައި ޕާކިސްތާން އުފެދުނު ފަހުން ޕާކިސްތާން ހަލަބޮލިކޮށްލި އަސްކަރީ ބަޣާވާތްތައް ހިންގި ދުވަސްވަރެވެ.

މުޝައްރަފް ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ އޭރުގެ ރައީސް  ނަވާޒް ޝަރީފް ވެރިކަމުން ދުރުކުރެއްވުމަށްފަހުއެވެ. އެއީ މުޝައްރަފާއި ނަވާޒް ޝަރީފްގެ ގުޅުން ގޯސްވެފައި އޮތް ދަނޑިވަޅެއްގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *