މާލޭ ސިޓީ ކައުންސިލާއި ސްޓެލްކޯ އާއި ދެމެދު ޖެހިގެން އުޅޭ މައްސަލަ ހައްލުކުމަށް ލޯކަލް ގަވްމެންޓް އޮތޯރިޓީން މަސައްކަތް ކޮށްދެއްވާނެ ކަމަށް އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވެއެވެ.

އަފްޝަން މިހެން ވިދާޅުވީ އެމްޑަބްލިއުއެސްސީ، އުރީދޫ، މީޑިއާނެޓް، އާރްއޯއެލް، އަދި ސްޓެލްކޯއިން އެލްޖީއޭއާއި އެކުގައި މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

ސްޓެލްކޯގައި އޮތް މި ބައްދަލުވުމުގައި އަފްޝަން ވަނީ ސިޓީ ކައުންސިލާއި ސްޓެލްކޯއިން އެލްޖީއޭއާއި އެކު މަޝްވަރާގެ މޭޒަށް އައުމަށް ދައުވަތު ދެއްވާފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ، ޝަރީފް ވިދާޅުވީ މިއަދުގެ ބައްދަލު ވުމުގައި ބައިވެރިވި ފަރާތްތަކަކީ އާންމު ރައްޔިތުންނަށް ހިދުމަތް ދިނުމަށް ވަރަށް ގިނަ ފަހަރަށް މަގު ކޮނުމާއި މަގުގައި ތަފާތު ނަރުތައް ވަޅުލުމުގައި ހަރަކާތްތެރިވާ ފަރާތްތަކެއް ކަމަށެވެ.

އަދި މިއަދު އެފަރާތްތަކުން އެލްޖީއޭއާއި ބައްދަލުކުރެއްވުމުގެ މައިގަނޑު ސަބަބަބީ  ދާދިފަހުން މާލެ ސިޓީ ކައުންސިލުން، މަގު ކޮނުމާއި މަގު ކޮނެގެން ކުރާ މަސައްކަތުގައި ހިދުމަތް ދިނުމުގައި އަމަލު ކުރާނެ އުސޫލު ތައްޔާރުކޮށް އެއަށް އަމަލުކުރަން ފަށާފައިވާއިރު އެ އުސޫލުގެ ސަބަބުން އާންމު ރައްޔިތުންނަށް ދޭ ހިދުމަތުގެ އަގު ވަރަށް ބޮޑަށް ބޮޑުވެފައިވާއިރު އެކަމުގައި ސިޓީކައުންސިލުން ގޮތްދޫކުރުމެއް ނުގެންގުޅޭތީ  އެލްޖިއޭ އާއި މަޝްވަރާ ކޮށްގެން އެކަމަށް ހައްލެއް ހޯދުން ކަމަށެވެ.

ޝަރީފު ވިދާޅުވީ ސިޓީ ކައުންސިލާއި ސްޓެލްކޯއާއި ދެމެދު އުފެދިފައިވާ ހިތް ނުތަނަވަސް ކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ސްޓެލްކޯގެ ކަންބޮޑުވުންތައް އެއްސެވުމަށްފަހު އަފްޝަން ވިދާޅުވީ މީގެ ކުރިންވެސް ސިޓީ ކައުންސިލާއި އެކު މަޝްވަރާތައް ކޮށްގެން ކަންކަން ހައްލުވެފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވިފަރާތްތަކުން ވަނީ ސިޓީކައުންސިލުން ހެދި އުސޫލުގެ ސަބަބުން އަގުބޮޑުވެފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލުން އެފަދަ އުސޫލެއް ހަދަން ޖެހޭނީ އެލްޖީއޭއާއި މަޝްވަރާ ކޮށްގެން ކަމަށެވެ. އެހެންނަމަވެސް އެ ކަމާއި އެއްވެސް ވަރެއްގެ މަޝްވަރާއެއް އެލްޖީއާއި ކޮށްފައި ނުވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޕޭމަންޓު ދަށުން ނަރު އަޅާނަމަ 25 ރުފިޔާ އާއި ރޯޑް ބްލޮކް ނަގާނަމަ ކޮންމެ ފޫޓަކަށް 100 ފޫޓު އަދި ޖަންގްޝަނެއްގެ މަތި ނަގާނަމަ 300 ރުފިޔާގެ މަގުން ޗާޖު ކުރާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ކުރިން 60 ރުފިޔާއަށް ލިބޭ ސައިން ބޯޑުވެސް އަގުބޮޑުކޮށްފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ މިފަދަ އުސޫލަކަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމުކޮށް ވަކި މުއްދަތެއް ދިނުމަކީ ބެސްޓް ޕްރެކްޓިސް ކަމަށެވެ.

ޝަރީފު ވިދާޅުވީ ސިޓީ ކައުންސިލާއެކުގައި މަޝްވަރާ ކުރަން ސްޓެލްކޯ އިން އޮތީ ތައްޔާރަށް ކަމަށެވެ.

އަދި މާލޭ ސިޓީ ކައުންސިލުން ސްޓެލްކޯއިން ފޮނުވާ ސިޓީތަކަށް ޖަވާބު ދެއްވަނީ ގިނަ ފަހަރު އަނގަބަހުން ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. ސިޓީ ކައުންސިލުގެ މުވައްޒަފުންނަކީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ހުރަސްއަޅާ، ހިދުމަތްދޭ ފަރާތްތަކަށް ޖެއްސުން ކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ ކައުންސިލުތަކުން ކުރާ ކަންކަން ކުރަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ އެލްޖީއޭއިން ބަލަމުންދާ ކަމަށެވެ. އަދި ކައުންސިލުތަކުން އުސޫލު ހަދާއިރު ކޮންސަލްޓެންސީ ހޯދަން ޖެހޭ ކަމަށާއި، އުސޫލު ހެދުމަށްފަހު އެލްޖީއޭއަށް ހުށަހަޅާ އެކަމަށް ހިޔާލު ހޯދަން ޖެހޭ ކަމަށްވެސް އަފްޝަން ފާހަގަ ކުރިއެވެ.

އަފްޝަން ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ދައްޗާއި ތަކްލީފު ހައްލުކުރުމަކީ އެލްޖީއޭގެ މެންޑޭޓްގައި ހިމެނޭ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އިދާރާތަކާއި ކައުންސިލުތަކާއި ގުޅޭ މައްސަލަތައް ހައްލުކުރުމަށް އެލްޖީއޭއިން ގިނަ ފަހަރަށް މަސައްކަތް ކުރާ ކަމަށެވެ.

އަދި ސްޓެކްލޯއާއި އެކު މިއަދު ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލުހޯދައިދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *