އަލުން އޮލިމްޕަސް ހުޅުވުމުގެ ގޮތުން މިރޭ ބޭއްވި ހަފްލާގެ ތެރެއިން

ކޮވިޑާއި އެކު ބަންދުކުރި ދިވެހި ސިނަމާ، އޮލިމްޕަސް މަރާމާތުކޮށް ޒަމާނީ ބަދަލުތަކާއިއެކު ފަހުގެ ވަސީލަތްތައް ގާއިމު ކުރުމަށްފަހު މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.

މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އޮލިމްޕަސް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި ފަންނާނުންނާއި ސަގާފަތާއި ތަރިކަ އާއިބެހޭ ވުޒާރާގެ ވަޒީރު، ޔުމްނާ މައުމޫނާއި އެ މިނިސްޓްރީގެ މުޝީރުންކަމުގައިވާ އައްބާސް އިބްރާހިމް އާއި މަޑުލު މުހައްމަދު ވަހީދާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގު އަދި ސަރުކާރުގެ ބައެއް ވަޒީރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އޮލިމްޕަސް މަރާމާތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވި އަވައްޓެރި އިންޑިއާ ސަރުކާރުގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

އަދި އެންސީއޭގެ އިސްވެރިންނާއި މިނިސްޓްރީގެ އިތުރު މުވައްޒަފުންވެސް މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އޮލިމްޕަސް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔައީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންގޮސްފައިވަނީ އިމާރާތް މަރާމާތުކޮށް، ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތެވެ.

މި މަސައްކަތުގެ ތެރެއިން ޓިކެޓް ކައުންޓަރަށް ބަދަލު ގެނައުމާއި، ހޯލާއި، ކޮރިޑޯއާއި ކެފޭ ސަރަހައްދާއި އިމާރާތުގެ ބޭރަށްވެސް ވަނީ ބަދަލުތައް ގެނެސްފައިވެއެވެ.

ދެވަނަ ފިޔަވަހީގައި ހިމަނައިގެން އޮލިމްޕަހުގެ ސައުންޑް ސިސްޓަމާއި ޓެކްނިކަލް މަސައްކަތްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މިރޭ އޮލިމްޕަސް ހުޅުވިގެން ދިޔައިރު މިއުޒިކާއި ޑާންސް ޕްރެކްޓިސް ރޫމްތައް ވަނީ ގާއިމުކުރެވިފައެވެ. އަދި އޮލިމްފަސް ސްޓޭޖްގެ ފަހަތުން ގޯތިތެރޭގައި ހަރަކާތްތައް ބޭއްވޭ ގޮތަށް އެތަންވެސް ވަނީ ތައްޔާރުކޮށްފައެވެ.

ބޮޑު ބަދަލާކާއެކު އޮލިމްޕަސް މަރާމާތުކޮށް ހުޅުވާފައިވާއިރު ތިއޭޓަރުގައި ފިމްލު ދެއްކުމުގެ ކޮލިޓީ އާއި ސައުޑްވެސް އިހުންނަށްވުރެ ފުރިހަމަވާނެއެވެ.

މިރޭ އޮލިމްޕަސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ފަންނާނުންގެ ހުށަހެޅުންތައްވެސް ފެނިގެން ދިޔައެވެ. މި ރަސްމިއްޔާތުގައި ދިވެހި ފިލްމް އިންޑަސްޓްރީގެ ފަންނާނުން ބައިވެރިވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *