ސިނާއީ ބޭނުމަށް ތިލަފުށިން ބީލަން އުސޫލަށް ބިން ވިއްކުމަށް ނިންމައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ތިލަފުށި ދެވަނަ ފިޔަވަހިން ސިނާއީ ބޭނުމަށް ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ތިލަފުށިން ބިން ވިއްކާ ފުރަތަމަ ފަހަރެވެ.
އެޗްޑީސީން ބުނީ، ބިން ވިއްކުމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރޭގައި، އަމިއްލަ މީހެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށަހެޅުމާއި، ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެއްސެއް ނުވަތަ ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވުމާއި، ބީލަން ކާމިޔާބުކުރާ ފަރާތަކީ ބޭރު މީހެއް ނުވަތަ ބޭރުގެ ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ދޫކުރުން ކަމަށެވެ. އަދި ބީލަން ހުށަހެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
އެގޮތުން ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށި ޒޯން އޭ ގައިވާ ބިންތައް ކަމަށް ވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
ތިލަފުށިން ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައި ވަނީ ދެ މަރުހަލާ އަކަށެވެ. އެއީ ޝައުގުވެރިވާ ބިމަށް 'އެކްސްޕްރެޝަން އޮފް އިންޓަރެސްޓް' (އީއޯއައި) ހުށަހަޅައިގެންނާއި، އީއޯއައި ހުށަހަޅާފައިވާ ބިމަށް ބިޑްކޮށްގެންނެވެ.
ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިންގަތުމަށް ކުރިމަތިލުމަށް މިމަހުގެ ހަތް ވަނަ ދުވަހު އޮންލައިން ޕޯޓަލްއެއް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.