މިދިޔަ މަހު ޓެކުހުން ދައުލަތަށް ލިބުނު އާމްދަނީ ދެގުނަ އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ އާއި އަޅާބަލާއިރު ދެގުނަ އިތުރުވެފަ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް 863.8 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 436.2 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެ ގުނަ އިތުރުވުމެކެވެ.
ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރާ ޓޫރިޒަމް ދާއިރާގެ ޓެކްސް ނުވަތަ ޓީޖީއެސްޓީގެ ގޮތުގައި ޖުމްލަ 704.4 މިލިއަން ރުފިޔާ މިދިޔަ މަހު ވަނީ ލިބިފައެވެ. އަދި ޖީއެސްޓީގެ ގޮތުގައި މި މުއްދަތުގައި ލިބިފައިވަނީ 159.4 މިލިއަން ރުފިޔާ އެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން، 1 ޖެނުއަރީން ފެށިގެން ޖީއެސްޓީގެ ރޭޓުތަކަށް ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން ޓޫރިޒަމް ދާއިރާގެ ޓެކްސް ނުވަތަ ޓީޖީއެސްޓީ ރޭޓް 12 ޕަސެންޓުން 16 ޕަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ. އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޓެކްސް ނުވަތަ ޖީއެސްޓީ ރޭޓް ވަނީ 6 ޕަސެންޓުން 8 ޕަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ.