ކަސްޓަމްސްގެ ދާއިރާގައި ނަޒާހަތްތެރިކަން ކުރިއަރުވައި މަސައްކަތުގައި އެއްބާރުލުން ދިނުމަށް ދާއިރާތަށް ކަނޑައަޅައި، ގުޅިގެން މަސައްކަތްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު ފަހުމުނަމާއެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްއެވެ. އަދި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފުއެވެ.

މި ފަހުމުނާމާއަކީ ކަސްޓަމްސް ދާއިރާގައި ނަޒާހަތްތެރިކަން ކުރިއަރުވައި އިދާރީ ހިންގުމުގެ ތެރެއިންނާއި، ޚިދުމަތް ދިނުމުގައި ކޮރަޕްޝަނަށް އޮތް ހިރާސް ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، މިފަދަ ގޮންޖެހުންބޮޑު މަސައްކަތްތަކެއް ކުރިއަށްއޮތްތަނުގައި ވަކި މިސްރާބެއް ކަނޑައެޅިގެން ކުރުމަށް ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނާއިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ، އޭސީސީން ދަޢުލަތުގެ އިދާރާތަކާއެކު ސޮއިކުރާ މިފަދަ ކޮންމެ އެއްބަސްވުމަކީވެސް ގިނަ ދުވަސްތަކެއްގެމަތިން ކުރެވޭ މުހިއްމު މަޝްވަރާތަކަކަށްފަހު އިދާރާތަކުގެ މަސައްކަތްތައް ހަލުއިކޮށް އިތުރބާރުހިފޭ ފަސޭހަ ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމަށް ސޮއިކުރާ މުހިއްމު ފަހުމުނާމާއެއްކަމަށެވެ.

އެހެންކަމުން މިފަދަ އެމްއޯޔޫތަކުގައި ސޮއިކުރުމުން އަމާޒުވާ ފާޑުކިއުންތަކަށް ބެލުމެއް ނެތި ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަށް އަދާކުރުމަށް ކޮންމެ މުއްސަސާއަކުންވެސް މަސައްކަތް ކުރަންޖެހޭކަމަށެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފު ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންގެ މެދުގައި ނަޒާހަތްތެރިކަން ކުރިއަރުވައި، މިދާއިރާއިން އެންމެ އެދެވޭ ގޮތެއްގައި ޚިދުމަތްދިނުމުގެ ކަންކަން ބައްޓަންކުރުމަށް އޭސީސީގެ ފަންނީ ލަފާ ކަސްޓަމްސްއަށް ލިބެމުންދާކަމަށާއި، މި ސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން އެމަސައްކަތްތައް އިތުރު ހަރުފަތްތަކަށް ކުރިއަރައިގެން ދާނެކަމަށެވެ.

މިރަސްމިއްޔާތުގައި އޭސީސީގެ މެންބަރުންނާއި އިސް ބައެއް ވެރިންގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިސްބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *