ފެބްރުއަރީ 11ގައި ކުޑަގިރި ހުޅުވާލުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ މި ފެބްރުއަރީ މަހު އޮލިމްޕަހާއި ކުޑަގިރި ހުޅުވާލާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުޑަގިރި ހުޅުވާލާނީ މިމަހު 11 ވަނަ ދުވަހުކަމަށް މިއުވާން ވިދާޅުވިއެވެ.
މާލެއިންނާއި ހުޅުމާލެއިން ފުރައިގެން ދިއުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާއިރު، 15 މިނެޓުން ކުޑަގިރިއަށް ދެވޭނެއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް
ކުޑަގިރި އާންމުންނަށް ހުޅުވާލެވިގެންދާއިރު މި ރަށުގައި ތަފާތު އެކި ކަންކަން ކުރެވޭނެއެވެ. ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް މިތަނުގައި ކައިވެނީގެ ހަފްލާތަކާއި، އުފަންދުވަސް ފާހަނގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށްވެސް ފުރުސަތު ދެވިގެންދާނެއެވެ. މީގެ އިތުރުން، މި ރަށުގައި ޑައިވިން އަދި ވޯޓަރސްޕޯޓްސްގެ ގިނަ ހަރަކާތްތަކުގެ އިތުރުން ޓުއަރިސްޓުންނަށްވެސް މި ރަށަށް ޒިޔާރާތްކުރުމުގެ ފުރުސަތު ދެވިގެންދާނެއެވެ.
ކުޑަގިރިއަށް ޕިކްނިކްދާ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ކަންކަންވެސް އެޗްޑީސީން ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން، މިތަނުގައި ފާހަނާބަރި، ޗޭންޖިންގ ރޫމާއި ނާސިންގް ރޫމްވެސް ވަނީ ގާއިމުކޮށްފައެވެ. މި ނާސިންގް ރޫމް ގާއިމްކުރެވިފައިވަނީ ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުންދިނުންފަދަ ކަންކަން ފަސޭހައިން ކުރެވޭނެފަދަ އިންތިޒާމުތަކާއިއެކުއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް
އަދި މިސްކިތަކާއި، ކްލިނިކްއަކާއި، ކޮންވީނިއެންސް ސްޓޯރ އަދި ރީޓެއިލް ސްޓޯރގެ އިތުރުން މިރަށުގައި ކެފޭއެއްވެސް ވަނީ ގާއިމުކުރެވިފައެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިރަށުގެ ފެނާއި ކަރަންޓުގެ ހިދުމަތް ވަނީ ފޯރުކޮށްދެވިފައެވެ.
ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ވަނީ ކަނޑައަޅާފައެވެ. އަދި އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށި އަދި 4 ބޮޑު އަށިވަނީ ގާއިމުކޮށްފައެވެ. ކުޑަގިރީގައި ޤާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓްބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓަރ އަދި ވޯޓަރ ސްޕޯޓްސް ސެންޓަރ ހިމެނެއެވެ.
މީގެއިތުރުން، އެޑްމިން ބިލްޑިންގ އަކާއި، ފްރަންޓް އޮފީހެއްގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހަކާއި ސީސީޓީވީ ކެމެރާތައް މި ރަށުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވެއެވެ. ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ ފަރާތްތަކަށް މާލެ އާއި ހުޅުމާލެއިން ޓިކެޓް ދޫކުރުމުގެ އިންތިޒާމްތައްވެސް ހަމަޖެހިފައިވެއެވެ.