މާލެ ސިޓީ ކައުންސިލުން ބައެއް ހިދުމަތްތަކުގެ އަގު ބޮޑުކުރި މައްސަލަ ސްޓެލްކޯއިން ހައި ކޯޓަށް ހުށަހަޅައިފިއެވެ.
ސްޓެލްކޯއިން ބުނީ މާލޭ ސިޓީ ކައުންސިލުން ގާނޫނާއި ހިލާފަށް އަމަލުކުރަން ފަށާފައިވާ ދެ އުސޫލެއް ބާތިލް ކުރުމަށް ކުންފުނިން ދުސްތޫރީ މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލައާއިމެދު ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން އެ ދެ އުސޫލަށް އަމަލުކުރުން ފަސް ކުރުމުގެ ވަގުތީ އަމުރަކަށްވެސް ހައިކޯޓުގައި އެކުންފުނިން ވަނީ އެދިފައެވެ.
އެކުންފުނިން ބާތިލް ކުރުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވަނީ ސިޓީކައުންސިލުން އަމަލުކުރަންފަށާފައިވާ މާލެސިޓީގެ މަގުމަތީގައި މަގުބަންދު ނުކޮށް އަދި މަގުބަންދު ކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލާއި، މަގު ކޮނުމާއި، ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާންމުކޮށް މަސައްކަތް ކުރުމުގެ އުސޫލެވެ.
ސްޓެލްކޯއިން ވަނީ މި ދެ އުސޫލަކީ ގްރޭޓަރ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި ތައާރަފްކުރި ދެ އުސޫލުކަމަށް ބުނެފައެވެ.
މިކަމާއި ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލުން އެއުސޫލުތައް އެކުލަވާލާފައިވަނީ އެލްޖީއޭއާއި އަދި ސްޓެލްކޯ ފަދަ އެފަދަ ހިދުމަތްތައް ލިބިގަންނަ އެއްވެސް ކުންފުންޏަކާއި މަޝްވަރާކުރުމެއް ނެތި ކަމަށެވެ.
ޝަރީފް ވިދާޅުވީ އާ އުސޫލުގައި ކަނޑައަޅާފައިވާ އަދަދުތަކަކީ ކުރީގެ އަދަދުތަކަށްވުރެ 154 އިންސައްތަ އިތުރު އަދަދުތަކެއް ކަމަށެވެ. އަދި މީގެ ކުރިން އެއްވެސް އަގަކާއި ނުލައި ކުރެވޭ ކަންކަމަށްވެސް އަގުތައް ހިމަނާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
އާ އުސޫލާއެކު 2023 ޖެނުއަރީ 1ގެ ކުރިން 31،000 ރުފިޔާ ދައްކަމުން އައި ހިދުމަތްތަކަށް މިހާރު 80،501 ރުފިޔާ ދައްކަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން އުސޫލަށް އަމަލުކުރަން ފަށާ ތާރީހެއްގެ ގޮތުގައި ޖެނުއަރީ 1 ފާހަގަކޮށްފައިވީނަމަވެސް، އުސޫލު ގެޒެޓުގައި ޝާއިއުކޮށްފައިވަނީ ޖެނުއަރީ 2ގައި ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. މިއުސުލާއެކު އިތުރު މާލީ ބުރަކަމެއް އާންމުން އުފުލަންޖެހޭކަން ފާހަގަކުރައްވައި މިފަދަ ހާލަތްތަކުގައި އަބަދުވެސް އަމަލުކުރާ އެންމެ އެދެވޭ ގޮތަކީ އުސޫލު ޝާއިރުކުރުމަށްފަހު އަމަލުކުރުމާއި ދޭތެރޭ މުއްދަތެއް ދިނުންކަން ފާހަގަކުރެއްވިއެވެ.