މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ މިއަދު އިއުލާނުކޮށްފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓިން އާންމުކުރި ދާއިމީ ނަތީޖާ ދައްކާ ގޮތުން ރިޔާސީ ޕްރައިމަރީގައި ވޯޓުލީ 71 އިންސައްތަ މީހުންގެ ތެރެއިން 61 އިންސައްތަ، ނުވަތަ 24،566 ވޯޓު ކަށަވަރުކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.
އަދި ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 38 އިންސައްތަ ނުވަތަ 15،641 ވޯޓެވެ. 57،255 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، މި އިންތިޚާބުގައި ޖުމްލަ ވޯޓުލާފައިވަނީ 40،887 މީހުންނެވެ.
އެމްޑީޕީގެ ޑެޕިޔުޓީ ޗެއަރޕަރސަން އިބްރާހިމް ވަހީދު ވިދާޅުވީ އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނާނެ ފަދަ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ސޯޝަލް މީޑިޔާގައި ދައުރުވަމުންދިޔަ ބައެއް ވީޑިޔޯތަކަކީ މީގެ ކުރީގެ އިންތިހާބުތަކުގެ ވީޑިޔޯތަކެއް ކަމަށާއި ވޯޓު ފޮށިތައް ކައިރި ހަމަނުޖެހުން ހިންގި ބައެއް މީހުންނަކީ ޕާޓީގެ އިންތިހާބުގައި ވޯޓުލެވޭ މީހުން ނޫންކަމަށްވެސް ވިދާޅުވިއެވެ.
"އިންތިހާބުގެ އޮމާންކަމާއި އޮފުކަން ގެއްލޭ ފަދަ އެއްވެސް ކަމެއް ކުރިޔަ ނުދޭނަން"
މި އިންތިޚާބުގައި ވޯޓުލުމުގެ ފުުރުސަތު ލިބުނީ ހަމައެކަނި މާލެ އާއި ރަށްރަށުގައި ތިބި މީހުންނަށް ކަމަށް ވުމުން ވޯޓު ނުލެވޭ 15 އިންސައްތަ އެއްހާ މީހުން ތިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން އިންތިޚާބުގައި ވޯޓުލާފައިވާ މީހުންގެ އަދަދު ރަނގަޅު ކަމަށް ވެސް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.
އިބްރާހިމް ވަހީދު ވިދާޅުވީ ޕާޓީގެ ޓިކެޓް ކާމިޔާބުކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި މަހުގެ މެދެއްހާ ހިސާބުގައި ރަސްމީކޮށް ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކުރައްވާނެ ކަމަށެވެ.