ޕާޓީ ތެރޭގައި ގޮފި ހިންގުމަކީ ހުއްދަ ކަމެއް ކަމަށާއި އެހެންނަމަވެސް ގޮފީގެ ހަރަކާތްތައް ހިންގަމުން ދަނީ ކިހިނެއްތޯ ބަލަމުންދާނެކަމަށް އެމްޑީޕީގެ ޑެޕިޔުޓީ ޗެއަރޕަރސަން އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ރަސްމީ ނަތީޖާ އިއުލާންކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލަށް ޖަޥާބުދެއްވަމުން އިބްރާހިމް ވަހީދު ވިދާޅުވީ ޕާޓީ ތެރޭގައި ގޮފި ހިންގުމުގެ ފުރުސަތު ޕާޓީގެ އަސާސީ ގަވާއިދުން ދީފައިވާ ކަމަށެވެ.
އިންތިހާބާއި ބެހޭ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަތީޖާއަށް ބަދަލު އަންނާނެފަދަ އެއްވެސް ޝަކުވާއެއް ހުށަހެޅިފައިނުވާކަން ވަނީ ހާމަކޮށްފައެވެ. އަދި ސޯޝަލް މީޑިޔާގައި ދައުރުވަމުންދިޔަ ބައެއް ވީޑިޔޯތަކަކީ މީގެ ކުރީގެ އިންތިހާބުތަކުގެ ވީޑިޔޯތަކެއް ކަމަށާއި ވޯޓު ފޮށިތައް ކައިރި ހަމަނުޖެހުން ހިންގި ބައެއް މީހުންނަކީ ޕާޓީގެ އިންތިހާބުގައި ވޯޓުލެވޭ މީހުން ނޫންކަމަށްވެސް ވިދާޅުވިއެވެ.
"އިންތިހާބުގެ އޮމާންކަމާއި އޮފުކަން ގެއްލޭ ފަދަ އެއްވެސް ކަމެއް ކުރިޔަ ނުދޭނަން"
ރައީސް މުހައްމަދު ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ގޮފި ހެދުމަށް އިއުލާންކޮށް ބައިލައްކަ މެމްބަރުން ހަމަކުރުމަށް ގޮވާލައްވާފައިވެއެވެ. އަދި އެގޮފީގެ މަސައްކަތް ބޮޑުފެންވަޅުގޭގައި ވަނީ ފަށާފައެވެ.
"ރައީސާއި ދެކޮޅަށް ރައީސް ނަޝީދު އަމަލުކުރައްވާނެކަމަށް ނުދެކެން. ޕާޓީގެ ނިޒާމާއި އިދިކޮޅަށް އެއްވެސް ކަމެއް ރައީސް ނަޝީދު ނުކުރައްވާނެ"
ފިކުރެއްގެ ދިރުމުގެ ބޭނުމަކީ އެމްޑީޕީގެ ފިކުރާއި އަސާސްތަކަށް ރުޖޫއަވުންކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވާނެކަން ހާމަކުރައްވާފައެވެ. އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން އެއީ ފިޔަވަޅު އެޅޭނެކަމެއް ނޫން ކަމަށާއި އިންތިހާބީ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ދެކޮޅަށް ރައީސް ނަޝީދު ނުކުންނަވާނެކަމަށް ދެކިނުލައްވާކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީއެއް ހިންގާނެ ގޮތް އެންމެ ރަނގަޅަށް އެނގިލައްވާނީ ރައީސް ނަޝީދަށް ކަމަށާއި ޕާޓީގެ ނިޒާމާއި ހިލާފަށް އެއްވެސް ކަމެއް ރައީސް ނަޝީދު ނުކުރައްވާނެކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
އިންތިހާބާއ ބެހޭ ކޮމެޓީގެ މެމްބަރު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ހުރިހާ ބޭފުޅުންގެ މަގްސަދަކީ 2023 ވަނަ އަހަރުވެސް އެމްޑީޕީގެ ވެރިކަމެއް ގާއިމްކުރުން ކަމަށެވެ. ދެ ކެންޑިޑޭޓުންވެސް ބޭނުންވަނީ އެގޮތް ކަމަށާއި ނަތީޖާއާއިމެދު ފުރަތަމަ ހިތްހަމަ ނުޖެހުން ނަމަވެސް ރިޔާސީ އިންތިހާބަށް ނުކުންނާނީ އެކީ އެއް ބައެއްގެ ގޮތުގައި އެއް އަމާޒަކަށްކަމަށް އަނަސް ވިދާޅުވިއެވެ.