ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ދަށުން ވިލިމާލޭގައި ދެމުންގެންދާ އީ.ވީ ބަހުގެ ޚިދުމަތުން 3 ފެބްރުއަރީން ފެށިގެން އަގުނަގާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.
ކޮންމެ ދުވަހަކު 24 ގަޑިއިރު ލިބޭ މި ޚިދުމަތަށް އެމްޓީސީސީން ކަނޑައަޅާފައިވާ އަގަކީ -/5 ރުފިޔާއެވެ.
އެމްޓީސީސީން ބުނީ ވިލިމާލޭ ބަހުގެ ޚިދުމަތަށް 3 ޒަރީޢާއަކުން ފައިސާދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާ އެގޮތުން އާރްޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކިޔު.އާރް ޓިކެޓް ނަންގަވައިގެނާއި، ކޮންޓެކްޓްލެސް މާސްޓަރކާރޑް އަދި ވިސާ ޑެބިޓް ކާރޑް ނުވަތަ ކްރެޑިޓް ކާރޑް މެދުވެރިކޮށާއި އަދި ބަހުން ކަރުދާސް ޓިކެޓް ގަނެގެން ވެސް ބަހުގެ ޚިދުމަތް ހޯދޭނެ ކަމަށެވެ.
ކަަރުދާސް ޓިކެޓް ގަންނަން ލިބޭނީ ބަހުގެ ތެރެއިންކަން ފާހަގަކޮށް އެމްޓީސީސީން ބުނީ ޓާމިނަލްތަކުން ބަހުގެ ޙިދުމަތުގައި ބޭނުންކުރާ ކަރުދާސް ޓިކެޓް ގަންނަން ލިބެން ނުހުންނާނެ ކަމަށެވެ. އަދި ބަސް ތެރޭގައި ފައިސާ މާރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނުހުންނާނެ ކަމަށް ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ ޓިކެޓް ނަންގައިން ދަތުރުކުރަން ފެށުނަސް، މި ޚިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައި.ޑީ. ކާޑު ދެއްކެވުމުން ހިލޭ ލިބޭނެ ކަމަށެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން )އެންސްޕާ( އިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެ ކަމަށާ މީގެ އިތުރުން، ޔުނިފޯރމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.